އެއާ އިންޑިއާ ގަންނަން ޝައުގުވެރިވާނެ ބައެއް ނުވި

ނިއު ދިއްލީ (ޖޫން 2) - އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ހިއްސާގެ ބޮޑު ބައެއް ވިއްކާލަން ހުޅުވާލި ނަމަވެސް އެކަމަށް ޝައުގުވެރިވާނެ ޕާޓީއެއް ނުވި އެވެ.


ސިވިލް އޭވިއޭޝަން ސެކްރެޓަރީ އާރުއެން ޗޯބޭ ވިދާޅުވީ ބިޑް ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވިއިރު އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ ސްޓްރެޓެޖީއާ މެދު އަލުން ވިސްނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އިންޑިއާ އިން ވިއްކާލަން ހުޅުވާލީ 76 ޕަސެންޓެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ ހިއްސާ ގަންގަން އެއްވެސް ފަރާތަކުން ޝައުގުވެރި ނުވީ ސަރުކާރުން ހުށަހަޅާ ޝަރުތުތައް ބޮޑުވުމުން ކަމަށެވެ. އެއާލައިން ވިއްކާލަން ކުރާ މައިގަނޑު އެއް ޝަރުތުގެ ތެރޭގައި ގަންނަ ފަރާތަކުން އެއާލައިނުގެ 27،000 މުވައްޒަފުންނާ ހަވާލުވާން ޖެހެ އެވެ. އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެ އެވެ. އެއާލައިނުގެ ދަރަނި ފަސް ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާލައިންގެ ހިއްސާ ގަންނަ ފަރާތަކުން އެ ދަރަންޏާ ވެސް ހަވާލުވާން ޖެހެ އެވެ.