ފަލަސްތީނުގެ ޒުވާން ނަރުސް ޝަހީދުކޮށްލީ ފަރުވާދޭން ދުވެފައި ދަނިކޮށް

ޚާން ޔޫނުސް (ޖޫން 2) - ގާޒާ ބޯޑަރުގައި މާޗް 30 އިން ފެށިގެން ކުރަމުންދާ އިހްތިޖާޖުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނު އެކަކީ ހިލޭ ސާބަހަށް މަސައްކަތް ކުރަމުން ދިޔަ ޒުވާން ނަރުސް ރަޒާން އަލް ނައްޖާރެވެ. އިޒްރޭލުގެ ބިރުތަކަށް ބެލުމެއް ނެތި އޭނާ ދިޔައީ ޒަޚަމްވެގެން ވެއްޓޭ ފަލަސްތީން މީހުންނަށް ފަރުވާ ދެމުންނެވެ. ނައްޖާރުގެ މޮޓޯ އަކީ ވެސް އިޒްރޭލް ސިފައިންނަށް ކެރެންޏާ އޭނާ ގަޔަށް ބަޑި ޖަހާށެވެ. އޭނާ ބިރެއް ނުގަންނާ އެވެ. އެންމެ ފަހުން ނައްޖާރު ދުނިޔެ ދޫކޮށް އެ ދިޔައީ އެ އަޒުމުގައި ހުއްޓަ އެވެ.


ފަލަސްތީނުގެ ޒުވާން ނަރުސް ރަޒާން އަލް ނައްޔާރު (ކ) ޒަޚަމްވެފައިވާ ބަޔަކަށް ފަރުވާ ދެނީ.

ފަލަސްތީނުގެ ޕެރަމެޑިކްސްގައި ހިލޭ ސާބަހަށް ކުރަމުން ދިޔަ މަސައްކަތަށް އުމުރުން 21 އަހަރުގެ ނައްޖާރަށް އެތައް ބައެއްގެ ލޯބި ލިބިފައިވެ އެވެ. އޭނާގެ ހިތްވަރަށް ދިޔައީ ތައުރީފް އޮހެމުންނެވެ. އިޒްރޭލުގެ އުދުވާނުގެ ކުރިމަތީގައި ނައްޖާރު ފަހަތަށް ނުޖެހި އެންމެ ފަހު ވަގުތު ވެސް ދެއްކީ ހިތްވަރެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ނައްްޖާރުގެ މެޔަށް އިޒްރޭލްގެ ސްނައިޕަރުންގެ ވަޒަންތައް އެރީ ފެންސް ކައިރި އަށް ޒަޚަމްވެގެން ވެއްޓިފައި އޮތް ފަލަސްތީނުގެ މީހަކަށް ފަރުވާ ދޭން ދުވެފައި ދަނިކޮށެވެ. ހުދު ޔުނިފޯމުގައި ހުރި ނައްޖާރު ދުވެފައި ދިޔައީ އިޒްރޭލް ސިފައިންނަށް އަމާން ދިނުމުގެ ގޮތުން ދެ އަތް ވެސް މައްޗަށް ނަގައިގެންނެވެ. އެކަމަކު އިޒްރޭލް ސިފައިން ވަނީ ބެލުމެއް ނެތި ނައްޖާރަށް ހަމަލާދީފަ އެވެ.

ފަލަސްތީނުގެ ޒުވާން ނަރުސް ރަޒާން އަލް ނައްޔާރު (މ) ޒަޚަމްވެފައިވާ ބަޔަކަށް ފަރުވާ ދެނީ.

ޚާން ޔޫނުސްގައިވާ ނައްޖާރުގެ ގެއަށް އޭނާގެ ލެއިން ތަތްތެޅިފައިވާ ޔުނިފޯމް ގެންދިއުމާ އެކު ނައްޖާރުގެ މަންމަ އަށް ކެތް ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ވަނީ އަނބުރައިގަނެގެން ވެއްޓިފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ނައްޖާރަކީ "ޝަހީދެއް" ކަމަށެވެ.

ރޮއިޓާސް އަށް އެޕްރީލް މަހު ދިން އިންޓަވިއުއެއްގައި ނައްޖާރު ބުނެފައި ވަނީ ގާޒާ ބޯޑަރުގެ އިހްތިޖާޖަށް ނިމުމެއް ނެތް ކަމަށެވެ.

ފަލަސްތީނުގެ ޒުވާން ނަރުސް ރަޒާން އަލް ނައްޔާރު (މ) ޒަޚަމްވެފައިވާ ބަޔަކަށް ފަރުވާ ދެނީ.

"ކެރެންޏާ ވަޒަން ޖަހާ. އަޅުގަނޑު ބިރެއް ނުގަނޭ،" ނައްޖާރުގެ ފޭސްބުކުގެ އެންމެ ފަހު ޕޯސްޓުގައި ލިޔެފައިވެ އެވެ.

ގާޒާ ބޯޑަރުގައި ފަލަސްތީނުގެ އިހްތިޖާޖުގައި އިއްޔެ ވަނީ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. މާޗް 30 އިން ފެށިގެން މިހާތަނަށް ވަނީ ފަލަސްތީނުގެ 129 މީހުން ޝަހީދުކޮށްލައިފަ އެވެ.