ޗައިނާ އަށް ޖާސޫސް ކުރަން އުޅުނު އެމެރިކާ މީހަކު ހައްޔަރުކޮށްފި

ވޮޝިންޓަން (ޖޫން 5) - ޗައިނާ އަށް ޖާސޫސް ކުރަން އުޅުނުކަމުގެ ކުށުގައި އެމެރިކާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރަކު ހައްޔަރުކޮށްފި އެވެ.


އުމުރުން 58 އަހަރުގެ ރޮން ރޮކްވެލް ހަންސެން އެފްބީއައި އިން ހައްޔަރުކޮށްފައި ވަނީ ޗައިނާ އަށް ފުރަނަ ސިއެޓްލް އެއާޕޯޓަށް ދަނިކޮށެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ހަންސެން ވަނީ އެމެރިކާގެ ޖާސޫސީ ބައެއް މައުލޫމާތު ޗައިނާ އަށް ފޯރުކޮށްދޭން މަސައްކަތްކޮށްފައި ކަމަށެވެ. އަދި ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކޮށް އޭނާ ވަނީ 800،000 ޑޮލަރު ހޯދާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ހަންސެން އިއްޔެ ވަނީ ސިއެޓްލްގެ ކޯޓަކަށް ހާޒިރުކޮށްފަ އެވެ. ޖާސޫސްކުރި ކަމުގެ ކުށް ހަންސެންގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

އެސިސްޓެންޓް އެޓާނީ ޖެނެރަލް ޖޯން ޑެމާސް ވިދާޅުވީ ހަންސެން ކުރި ކަންތަކަކީ ގައުމަށް ޚިޔާނާތްތެރިވުން ކަމަށެވެ.

ހަންސެން ވަނީ ވޮރަންޓް އޮފިސަރެއްގެ ގޮތުގައި އެމެރިކާ ސިފައިންގެ ތެރޭގައި ޚިދުމަތްކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޑިފެންސް އިންޓަލިޖެންސް އެޖެންސީ (ޑީއައިއޭ) އަށް 2006 ވަނަ އަހަރު ބަދަލުކޮށްފަ އެވެ. ޑީއައިއޭ އަކީ ޑިފެންސް ޑިޕާޓްމަންޓުގެ ގޮތްޕެކެވެ. ޑީއައިއޭގެ މައިގަނޑު މަސައްކަތަކީ ބޭރުގެ މިލިޓަރީ އިންޓެލިޖެންސް މައުލޫމާތު އެމެރިކާގެ ކޮމްބެޓް މިޝަންތަކަށް ފޯރުކޮށްދިނުމެވެ. ނަވާރަސަތޭކަ ފަސްދޮޅަސް އެއް ވަނަ އަހަރު އުފެއްދި ޑީއައިއޭގައި 17،000 މުވައްޒަފުން އުޅެ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ޗައިނާ އާއި ރަޝިޔާ ބަހަށް ފަރިތަ ހަންސެން އަށް ބޮޑެތި ސިއްރުތައް އެނގޭނެ ކަމަށެވެ. އޭނާ ވަނީ 2013-2017 އަށް ޗައިނާ އަށް ގިނަ ދަތުރުތަކެއް ކޮށްފައި ކަމަށް ވެސް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ