އީދަށް ހަމަލާތައް މެދުކަނޑައިލަން ތާލިބާނުން އެއްބަސްވެއްޖެ

ކާބުލް (10 ޖޫން) - އަފްޣާނިސްތާނު ސަރުކާރާ ދެކޮޅަށް ތާލިބާން ޖަމާއަތުން ކުރަމުންދާ ހަނގުރާމަ، އަންނަ ފިތުރު އީދަށް މެދުކަނޑާލައި، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެ ގައުމުގެ ރައީސް އަޝްރަފު ޣަނީ ދެއްވި ދައުވަތަށް ތާލިބާނުން އިޖާބަ ދީފި އެވެ.


މިއީ 2001 ވަނަ އަހަރު ތާލިބާނުންގެ ވެރިކަން ވެއްޓި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އުފެދުނު ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެ ޖަމާއަތުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

އީދުގެ އުފާ ފާޅުކުރުންތަކަށް ޖާގަ ދިނުމުގެ ގޮތުން، ތިން ދުވަހަށް ހަމަލާތައް ހުއްޓައިލާނެކަން އިއުލާނު ކުރަމުން އިއްޔެ ތާލިބާނުން ބުނީ، މެދުކަނޑައިލެވޭނީ ހަމައެކަނި ސަރުކާރު ސިފައިންނާ ދެކޮޅަށް ދޭ ހަމަލާތައް ކަމަށާއި، އެ ގައުމުގައި ތިބި ބިދޭސީ ސިފައިންނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓައިނުލާނެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން، އަފްޣާންގެ ރައީސް ވިދާޅުވީ މިއީ "ހަރުކަށިކަމާ އަނިޔާވެރިކަން ކުރިއަށް ނެރެގެން އަފްޣާން ރައްޔިތުންގެ ލޯބި ނުހޯދޭނޭކަން ވިސްނާލަން (ތާލިބާނުންނަށް) ލިބޭ ރަނގަޅު ފުރުސަތެއް" ކަމަށެވެ.

އެމެރިކާ އާއި ވިލާތުގެ ގުޅިފައިވާ ލަޝްކަރުން ކުރި ހަނގުރާމައިގައި 2001 ވަނަ އަހަރު ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނައި ނަމަވެސް، އޭގެ ފަހުން އެ ޖަމާއަތުން ދިން ހަމަލާތަކުގައި އަފްޣާން ސިފައިންގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. ގުޅިފައިވާ ލަޝްކަރުގެ ސިފައިން 2014 ވަނަ އަހަރު އެ ގައުމުން ފޭބި ފަހުން ތާލިބާނުން ވަނީ އެ މީހުންގެ ހަމަލާތައް ވަރުގަދަކޮށް ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ބައެއް ސަރަހައްދުތައް ވެސް ހިފައިފަ އެވެ.

އަހަރުތަކަކަށް ފަހު، ތިން ދުވަހަށް ނަމަވެސް ހަމަލާ ބަދަލުކުރުން ހުއްޓައިލުމަކީ ހެޔޮ ފާލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.