ހޫތީންނާ ވާހަކަ ދައްކަން 48 ގަޑިއިރު

ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އަށް އަތް ގަދަކޮށްގެން ތިބި، ހޫތީ ހަނގުރާމަވެރިން ހަމަލާތައް ހުއްޓައިލާތޯ އެމީހުންނާ މަޝްވަރާ ކުރުމަށް، ގުޅިފައިވާ ލަޝްކަރުން 48 ގަޑިއިރުގެ މުހުލަތެއް އދ. އަށް ދީފި އެވެ.


ޙޫތީންގެ ބާރުގެ ދަށުގައި ހުދައިދާ އޮތް އިރު، ގުޅިފައިވާ އަރަބި ލަޝްކަރުގެ ސިފައިން ތިބީ އެ ރަށް ހިސާރު ކޮށްގެންނެވެ. އޭގެ ތެރެއިން އެމިރޭޓްސްގެ ސިފައިންނާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު ހުކުރު ދުވަހުން ފެށިގެން އަންނަނީ ހަމަލާ ބަދަލު ކުރަމުންނެވެ. ހުދައިދާއާ ދެ ކިލޯމީޓަރު ދުރުގައި ތިބި އެމިރޭޓްސް ސިފައިން، މިހާރު އދ.ގެ އަށް އަންގާފައި ވަނީ ހޫތީންގެ ހަމަލާތައް މެދުކަނޑާނުލައިފި ނަމަ، ގުޅިފައިވާ ލަޝްކަރުގެ ހަމަލާތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ކުރިއަށް އޮތް ފިތުރު އީދުގެ މުނާސަބަތުގައި ހަނގުރާމަ މެދުކަނޑައިލުމަށް އދ. އިން އަންނަނީ ހޫތީ ހަނގުރާމަވެރިންނާ އެކު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ހޫތީން މިހާތަނަށް ވެސް އެކަމާ މެދު ވަކި ގޮތެއް ކަނޑައެއް ނާޅަ އެވެ.

ހޫތީންގެ ހަމަލާތަކާ މިހާރު ކުރިމަތިލާން ޖެހިފައިވާ އެމިރޭޓްސް އިން ބުނާ ގޮތުގައި، ހޫތީންނާ އެކު މަޝްވަރާ ކޮށް ގޮތެއް ނިންމުމަށް އިތުރަށް ދެވޭނީ 48 ގަޑިއިރެވެ. އެ މުހުލަތުގެ ތެރޭގައި ހޫތީން، ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސް ނުވެއްޖެ ނަމަ، ހުދައިދާ ހިފުމުގެ ހަމަލާތައް، ގުޅިފައިވާ ލަޝްކަރުން ފަށާނެ އެވެ.

އަރަބީންގެ ގުޅިފައިވާ ލަޝްކަރުން ބުނާ ގޮތުގައި ހޫތީ ހަނގުރާމަވެރިން ހުދައިދާ ހިފައިގެން ތިބެ އެ ބަނދަރު ބޭނުންކުރަނީ ޔަމަންގެ ހަނގުރާމަ އަށް ހޫތީންނަށް އީރާނުން ފޮނުވާ ހަތިޔާރު ޔަމަނަށް އެތެރެ ކުރުމަށެވެ. އީރާންގެ ހަތިޔާރު ޔަމަނަށް އެެތެރެވުން ހުއްޓުވުމަށްޓަކައި ހުދައިދާ އިން ހޫތީ ހަނގުރާމަވެރިން ނެރެ ފައްސާލާނެ ކަމަށް ގުޅިފައިވާ ލަޝްކަރުން ބުނެ އެވެ.

ގުޅިފައިވާ ލަޝްކަރުން ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުން އަންނާތީ، ހަމަލާތައް މެދުކަނޑައިލުމަށް ގުޅިފައިވާ ލަޝްކަރުން މިހާރު ދީފައިވާ މުހުލަތުގެ ތެރޭގައި ހޫތީން އެކަމަށް އެއްބަސް ކުރުވޭތޯ އދ. އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އދ. އިން ބުނާ ގޮތުގައި ގުޅިފައިވާ ލަޝްކަރުގެ ހަމަލާތައް ފަށައިފި ނަމަ ހުދައިދާގައި ދިރިއުޅޭ 250،000 މީހުންނަށް އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެދާނެ އެވެ.