ޑިމޮކްރަސީ "މަރައިލުމުން" ކެމްބޯޑިއާގެ ވެރިންނަށް ފިޔަވަޅު އަޅަނީ

ވޮޝިންޓަން (ޖޫން 13) - އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލައި ޑިމޮކްރަސީ "މަރައިލާފައިވާ" ކަމަށް ބުނެ ކެމްބޯޑިއާ ސަރުކާރުގެ އިސް ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އިން އަޅަން ފަށައިފި އެވެ.


އެގޮތުން މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން ސެންގެ ސެކިއުރިޓީ ބަލަހައްޓާ ފައުޖުގެ އިސް ކޮމާންޑަރު ހިން ބަން ހީންއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފްސީލީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ވާގޮތުން، އެމެރިކާގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުތަކުގައި ހުރި ހީންގެ މިލްކިއްޔާތުތަކާއި، އޭނާގެ މަސްލަހަތު ހިމެނޭ ހުރިހާ މުދަލެއް މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އަދި ހީންއާ މާލީ މުއާމަލާތްތައް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވެރިކަމުގައި 33 އަހަރުވީ ސެން ގެންދަވަނީ އަސްކަރިއްޔާ އާއި ޖުޑިޝަރީ ބޭނުން ކުރައްވައިގެން އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވައިލުމަށް ފާޅުގައި މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެ ގޮތުން މުޒާހަރާތަކާއި އެއްވުންތައް ރޫޅައިލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރެއްވުމުގެ އިތުރުން އިދިކޮޅު ލީޑަރުން ޖަލަށް ލައި ސުޕްރީމް ކޯޓުގެ އެހީތެރިކަމާއެކު އިދިކޮޅު މައި ޕާޓީ ވެސް ވަނީ އުވާލައިފަ އެވެ.

ހިން ބަން ހީން އަކީ 1997 އިން ފެށިގެން މިއަދާ ހަމަ އަށް ސަރުކާރުން ހިންގާފައިވާ މިފަދަ އެކި ހަރަކާތްތަކުގެ މުގުލުގައި ހުރި އެއް ފަރާތެވެ.

2015 ވަނަ އަހަރު ހީންގެ ކޮމާންޑަރުކަމުގެ ދަށުން އެ ފައުޖުގެ ސިފައިން ވަނީ އިދިކޮޅު މެންބަރުންތަކެއް މަޖިލިސް ކުރާ ގޭ ދޮށުގައި ކާރުގައި ތިއްބަވަނިކޮށް ގަދަކަމުން ނެރެ، އާންމުންގެ ކުރިމަތީގައި ތަޅައި އަނިޔާކޮށްފަ އެވެ. އެކަން ސާބިތުވެ ފައުޖުގެ ދެ މީހަކު ޖަލަށް ހުކުމް ކުރި ނަމަވެސް ފަހުން އެ މީހުން ދޫކޮށްލައި އަލުން އަސްކަރިއްޔާގެ މަގާމުތައް ދީފައިވެ އެވެ.

ހުޅަނގާ ފެއަށް ޖެހި ޗައިނާއާ ގާތް ގުޅުމެއް އުފައްދާފައިވާ ކެމްބޯޑިއާ އަށް އެމެރިކާ އާއި އީޔޫ އިން ދެމުން އައި މާލީ އެހީތައް މާޗް މަހުން ފެށިގެން ހުއްޓާލާފައި ވަނިކޮށް އެޅި މި ފިޔަވަޅުތަކާ އެކު ހީން ވަނީ "އެެމެރިކާ ބެންކެއްގައި އޭނާގެ ލޯ ލާރިއެއް ވެސް ނޯންނާނެ" ކަމަށް ވިދާޅުވެ އެ ނިންމުމަށް ހަޖޫ ޖައްސަވައިފަ އެވެ.

ހީންގެ ދިފާއުގައި ކެމްބޯޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނުގައި އެެމެރިކާގެ އަމަލުތައް ކުށްވެރިކުރަމުން ބުނެފައި ވަނީ 1970 ގެ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާ އިން ބޮން އެޅުމުގެ ސަބަބުން މަރުވި އެ ގައުމުގެ އެތައް ހާސް ރައްޔިތުންގެ ވާހަކަ އިން ފުރަތަމަ ސުވާލު ކުރަންވީ އެމެރިކާއާ ކަމަށެވެ. އެމީހުންގެ އިންސާނީ ހައްގުތަކަށް ވީ ކިހިނެއްތޯ ބަޔާނުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ