އިތުރު ވޯޓުލުމެއް ނުބޭއްވޭނެ: އައްބާދީ

މިދިޔަ މަހުގެ 12 ވަނަ ދުވަހު އިރާގުގައި ބޭއްވި އާންމު އިންތިޚާބުގެ ވޯޓުލުން ކެންސަލް ކޮށް އިތުރަށް ވޯޓުލުން ނުބާއްވާނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވެއްޖެ އެވެ.


އާންމު އިންތިޚާބުގެ ވޯޓުލުން އަލުން ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތަކަށް ޖަވާބު ދެއްވަމުން އައްބާދީ ވިދާޅުވީ ހަމަނުޖެހުން އުފައްދަން ފުރުސަތެއް ނުދޭނެ ކަމަށާއި ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އިންތިހާބުގެ ވޯޓުލުން އަލުން ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުން ދަނީ، އިންތިހާބުގައި ނެގި ވޯޓުތައް ރައްކާކޮށްފައި ހުރި ގުދަނެއްގައި މިދިޔަ އާދީއްތަ ދުވަހު ބަޔަކު ރޯކޮށްލައި ވޯޓު ކަރުދާސްތައް އަންދާލާފައި ވާތީ އެވެ. ނަމަވެސް އެ ގުދަނުގައި ރޯކޮށްލީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ކަމަށް ވާތީ، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަލުން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

ވޯޓު ކަރުދާސްތައް ހުރި ގުދަނުގައި ހުޅު ޖެހުމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީން މިހާރު ވަނީ ހަތަރު މީހަކު ހޯދުމަށް އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ފުލުހަކާއި އިންތިހާބާ ބެހޭ އިދާރާގެ މުވައްޒަފެކެވެ.

އައްބާދީ ވިދާޅުވީ އިންތިހާބެއް ކެންސަލް ކޮށް އަލުން ވޯޓުލުން ބޭއްވުމުގެ ބާރު ސަރުކާރަށް ނޯންނަ ކަމަށާއި އެކަން ކުރެވޭނީ ސުޕްރީމް ފެޑެރަލް ކޯޓުން ކަމަށެވެ. އެހެންކަމުން އެ ކޯޓުން އިންތިހާބު ބާތިލު ނުކުރާހާ ހިނދަކު، އިންތިހާބު ކާމިޔާބު ކުރި ފަރާތްތަކަށް އައު ސަރުކާރެއް އެކުލަވައިލުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯދާފައިވަނީ ޝީއީންގެ ހަރުކަށި ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މުގްތަދާ އައް ސަދްރުގެ ކޯލިޝަނެވެ. އެހެންކަމުން އައު ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު އެ ކޯލިޝަނަށް މިހާރު ވަނީ ދީފަ އެވެ.