އީދަށް ހުއްޓައިލި ހަމަލާތައް 11 ދުވަހަށް އިތުރުކޮށްފި

ކާބުލް (ޖޫން 17) - އަފްޣާނިސްތާނުގައި ކުރަމުންދާ ދާޚިލީ ހަނގުރާމަ ފިތުރު އީދަށް މެދުކަނޑައިލާފައި އޮތް ދިހަ ދުވަހުގެ މުއްދަތު 11 ދުވަހަށް އިތުރު ކުރި ކަން އަފްޣާނިސްތާނު ސަރުކާރުން އިއުލާނުކޮށްފި އެވެ.


ރައީސް އަޝްރަފް ޣަނީ އެކަން އިއުލާނު ކުރެއްވީ އީދުގެ އުފާ ފާޅުކުރުމަށް އަފްޣަނިސްތާނު ސިފައިންނާއި ތާލިބާނުންނާއި އާންމުން ގުޅިގެން ބޭއްވި އުފާފާޅުކުރުމުގެ އެއްވުމަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 25 މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމުވެފައި ވަނިކޮށެވެ. އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން ވަނީ އުފުލައިފަ އެވެ.

އީދުގެ އުފާފާޅުކުރުންތައް ކުރިއަށް ދަނިކޮށް އައިއެސް އިން އިއްޔެ ދިން ހަމަލާގައި ޒަހަމުވި މީހަކު ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަނީ. އެ ހަމަލާގައި 25 މީހުން ވަނީ މަރުވެފައި. ފޮޓޯ: އޭއެފްޕީ

އިއްޔެ ޓީވީ މެދުވެރިކުރައްވައި ރައީސް އަޝްރަފް ޣަނީ އިތުރަށް ވިދާޅުވީ މި ދިހަ ދުވަހުގެ މުއްދަތުގައި ތާލިބާނުންނަށް އަފްޣާނު ސަރުކާރުން ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާ ގައިދީންނަށް އާއިލާތަކާ ބައްދަލުކުރެވޭނެ ކަމަށެވެ. އަދި އީދުގެ މި އުފާ ފާޅުކުރުންތަކާ ދިމާކޮށް ބައެއް ގައިދީންނަށް މާފު ދީ ދޫކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސުލްހައިގެ ތަފްސީލީ ވާހަކަތަކަށް ދާން ތައްޔާރަށް އޮތްކަމަށާއި މި ދަނޑިވަޅުގައި ތާލިބާނުން ވެސް އެނބުރި ހަނގުރާމައިގެ މައިދާނަށް ނުގޮސް ސުލްހައިގެ މޭޒުދޮށަށް އައުމަށް އަޝްރަފް ދައުވަތު ދެއްވި އެވެ. މި ކަމާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ، އެ ވާހަކަތަކުގައި އަފްޣާނުގައި ތިބި ބިދޭސީ ސިފައިންނާ ގުޅޭ މަޝްވަރާތައް ހިމެނުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ހަމަލާތައް މެދުކަނޑައިލުމާއެކު އީދުގެ އުފާ ފާޅުކުރުންތަކުގައި ދެފަރާތުގެ ފައުޖުތަކާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. ތާލިބާނާއި ސަރުކާރު ސިފައިންނާއި އާންމުން އެކުގަައި އީދު ނަމާދުކޮށް، ހަދިޔާ ބަދަލުކޮށް، ސެލްފީ ނަގާ މަންޒަރުތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީޑިއާތަަކަށް ބައެއް އާންމުން ބުނެފައިވަނީ މިއީ މިހާތަނަށް އައި އެންމެ އުފާވެރި އީދު ކަމަށާ ފެންނަ މަންޒަރުތައް ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.

ރޯދަމަހުގެ ފަހު ދިހައިގައި އަފްޣާނު ސަރުކާރުން އިސް ނަގައިގެން ހަމަލާ ބަދަލުކުރުން މަޑުޖައްސައިލުމަށް ނިންމި ނިންމުމަށް އިޖާބަދީ ތާލިބާނުން ވެސް ވަނީ ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ދޭ ހަމަލާތައް ތިން ދުވަހަށް ހުއްޓައިލިކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އިއްޔެ އަޝްރަފް ޣަނީ ދެއްވި ދައުވަތާ ގުޅޭ ގޮތުން ތާލިބާނުން އަދި ވާހަކައެއް ނުދައްކަ އެވެ.

އަނެއްކޮޅުން އީދު ބަންދު ތެރޭ އެމެރިކާ އިން އިސްވެ އޮވެ ދިން ވައިގެ ހަމަލާތަކެއްގައި ޕާކިސްތާނު ތާލިބާނުންގެ އިސް ވެރިޔާ މައުލާނާ ފަޒުﷲ މަރުވެފައިވާކަން އިއްޔެ ޣަނީ ޔަގީން ކޮށްދެއްވި އެވެ. ޕާކިސްތާނު ތާލިބާނުންނާއި އަފްޣާނު ތާލިބާނުންނަކީ ވަކި ދެ ޖަމާއަތެކެވެ. އަފްޣާނުން ހަމަލާ ބަދަލުކުރުން ހުއްޓާލައި ސުލްހައިގެ ވާހަކަތަކަށް ދައުވަތު ދީފައިވަނީ އަފްޣާނިސްތާނަށް ނިސްބަތްވާ ތާލިބާނުންގެ ޖަމާއަތަށެވެ.