ބަލްފޯ ޑިކްލަރޭޝަނާ ގުޅިގެން އިނގިރޭސިންނާ ދެކޮޅަށް ފަލަސްތީނުން ދައުވާ ކުރަނީ

ގުދުސް (ޖުލައި 27) - ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިވުމުގެ ހުވަފެނަކަށްވި ބަލްފޯ ޑިކްލަރޭޝަނުގެ މައްސަލާގައި އިނގިރޭސި ވިލާތާ ދެކޮޅަށް ދައުވާ ކުރަން ވިސްނާ ކަމަށް ފަލަސްތީނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.


ބަލްފޯ ޑިކްލަރޭޝަނަކީ ނޮވެމްބަރު 2، 1917 ގައި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އާތާ ޖޭމްސް ބަލްފޯ އިނގިރޭސިންގެ ޔަހޫދީ ކޮމިއުނިޓީގެ ލީޑަރު ލިއޮނެލް ވޯލްޓާ އަށް ލިޔުއްވި ސިޓީއެކެވެ. މި ސިޓީގައި ވަނީ ޔަހޫދީންނަށް ދާއިމީ ބިމެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން އިނގިރޭސިވިލާތާއި އަޔަލޭންޑް އަދި އެނޫން ވެސް ގައުމުތަކުގެ ޔަހޫދީން ފަލަސްތީނަށް ހިޖުރަ ކުރުމަށް ބާރު އަޅައިފަ އެވެ.

މޮރިޓޭނިއާގައި ބޭއްވި އަރަބި ސަމިޓުގެ ތެރޭގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިއާދު މާލިކީ ވިދާޅުވީ ޔަހޫދީން ފަލަސްތީނަށް ޖަމާކުރުވީ ބްރިޓިޝް މޭންޑޭޓް ފަލަސްތީނުގެ ދަށުން ކަމަށެވެ. އަދި ފަލަސްތީނުގެ ބިމަށް އިނގިރޭސިން މެދުވެރިވެގެން ޔަހޫދީން ޖަމާކޮށް އެންމެ ފަހުން ގަދަބާރުން އެ ބިމަށް ވެރިވެގަތް މައްސަލަ ހުށަހަޅަން ގަސްދު ކުރަނީ ބައިނަލްއަގުވާމީ ކޯޓަކަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ބަލްފޯ ޑިކްލަރޭޝަނާ ގުޅިގެން ބްރިޓިޝް މޭންޑޭޓް ފޯ ފަލަސްތީން އުފަންވި އެވެ. މި މޭންޑޭޓް ފަހުން ވަނީ 1922 ވަނަ އަހަރު ލީގު އޮފް ނޭޝަންސް އިން ފާސްކޮށްފަ އެވެ.

ބްރިޓިޝް ފަލަސްތީން މޭންޑޭޓުގެ މުއްދަތު މެއި 14، 1948 ގައި ހަމަވުމާ އެކު އިޒްރޭލުން ވަނީ ފަލަސްތީނުގެ ބިމުގައި އެއީ މިނިވަން ދައުލަތެއްކަން އިއުލާންކޮށްފަ އެވެ.

މާލިކީ ވިދާޅުވީ އިޒްރޭލުން ހިންގަމުންދާ ހުރިހާ ޖަރީމާއެއްގެ ޒިންމާ އުފުލަން ޖެހޭ ގައުމަކީ އިނގިރޭސިވިލާތް ކަމަށެވެ.

މާލިކީއާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ ފަލަސްތީނު މީހުން އެތައް ހާސް އަހަރެއް ވަންދެން އުޅުނު ބިމަށް ޔޫރަޕާއި އެކި ތަންތަނުން ޔަހޫދީން ޖަމާކުރީ ބަލްފޯ ޑިކްލަރޭޝަނުގެ ސަބަބުން ކަމަށެވެ.

ފަލަސްތީނަށް ޔަހޫދީން ޖަމާކުރުމުގެ މަސައްކަތް އެންމެ ބާރަށް ގެންދިޔައީ 1920 އާއި 1940 އާ ދެމެދުގެ އަހަރުތަކުގަ އެވެ. ޔަހޫދީންގެ އާބާދީ ފަލަސްތީނުގައި އިތުރު ކުރާ މައްސަލާގައި ފަލަސްތީނުގެ އަރަބި ކޮމިއުނިޓީން ދިޔައީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރުގެ ކޮމެންޓާ ގުޅިގެން އިޒްރޭލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލާދު އެރްދާން ވިދާޅުވީ ފަލަސްތީނުގެ ލީޑަރުން ސުލްހަ ބޭނުން ނުވާ ކަމަށާއި މި ހުރިހާ ކަމެއްގެ ބޭނުމަކީ އިޒްރޭލަކީ ގާނޫނާ ޚިލާފު ދައުލަތަކަށް ހެދުން ކަމަށެވެ.