އީދުގެ އުފާ ފާޅުކުރުންތަކަށް ހަމަލާތައް މެދުކަނޑައިލުމަށް ފަހު ތާލިބާނުން އެނބުރި ހަނގުރާމަ އަށް ނުކުމެއްޖެ އެވެ.
ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން އިއްޔެ އިރުއޮއްސުމުގެ ކުރިން ފައިބައި ހަމަލާތަކަށް ތައްޔާރުވުމަށް ތާލިބާނުން ގޮވާލާފައި މިވަނީ، ސަރުކާރުން ހަމަލާ ބަދަލުކުރުން 11 ދުވަހަށް މެދުކަނޑާލައި، ސުލްހައިގެ މޭޒު ދޮށަށް އައުމަށް ގޮވާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
ތާލިބާނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މީހުން ތިން ދުވަހަށް ހަމަލާތައް މެދުކަނޑައިލީ ކޮންމެހެން ސަރުކާރުގެ ބަހަށް އިޖާބަ ދިނުމުގެ ގޮތުން ނޫން ކަމަށާއި އީދުގެ އުފަލަށްޓަކައި ކަަމަށެވެ.
އެއާއެކު ސަރުކާރުން ބުނެފައިވަނީ، ތާލިބާނުން އަލުން ހަތިޔާރު ނެގި ނަމަވެސް 11 ދުވަހަށް ހަމަލާތައް މެދުކަނޑައިލަން ނިންމާފައިވާ ނިންމުމަށް ސަރުކާރު ސިފައިން އިހްތިރާމުކުރާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަމިއްލަ ދިފާއުގައި ނޫން ގޮތަކަށް ހަތިޔާރު ނުނަގާނެ ކަމަށް ބުންޏެވެ.
ސަރުކާރުގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން އިއްޔެ ނަންގަހާރުގެ ގަވަރުނަރުގެ އޮފީހުގައި ދެ ފަރާތުގެ ވާހަކަތައް ކުރިއަށް ދިޔަ ވަގުތު އެ ތަނުގެ ކުރިމަތީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 18 މީހަކު ވަނީ މަރުވެފަ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ.