އެމެރިކާ އަކީ ހިޖްރަކުރާ މީހުންގެ ކޭމްޕެއް ނޫން: ޓްރަމްޕު

އެމެރިކާއަކީ ހިޖްރަކުރާ މީހުންގެ ކޭމްޕަކަށް ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.


ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުންގެ މައްޗަށް ދައުވާ ކުރަން ފެށުމުން، އެ ފަދަ މީހުންނާ އެކު އެމެރިކާ އަށް އެތެރެވާ ތުއްތު ކުދިން، އެކުދިންގެ އާއިލާތަކާ ވަކިވާ މައްސަލަ އަށް ރައްދު ދެއްވަމުން ޓްރަމްޕު ވިދާޅުވީ އެގޮތަށް އެކަން މެދުވެރިވަނީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ސަބަބުން ކަމަށެވެ. އެފަދަ މައްސަލަތައް މެދުވެރިވަނީ ސަރުކާރުގެ ކަންކަމަށް ޑިމޮކްރޭޓުން ހުރަސް އަޅާތީ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

އޭނާ ތަންފީޒު ކުރައްވަން ފެއްޓެވި "ޒީރޯ-ޓޮލަރެންސް" ޕޮލިސީ ދިފާޢު ކުރައްވައި ޓްރަމްޕު ވިދާޅުވީ އެމެރިކާ އަކީ ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ފޭލިގެއަކަށް ނުވާނެ ކަމަށެވެ.

"ނިކަން ދެކި ބަލަ ޔޫރަޕްގައި ކަންތައް ހިނގާ ގޮތް. ދުނިޔޭގެ އެހެން ތަންތަނުގައި ކަންތައް ހިނގަމުންދާ ގޮތް ނިކަން ދެކިބަލަ. އެމީހުން އެ ތަޖުރިބާ ކުރަމުންދާ ކަންތައް އެމެރިކާ އަށް މެދުވެރިވާން ދޫކޮށެއް ނުލެވޭނެ. އަހަރެންގެ ކުރިމަތީ އެފަދަ ކަމެއް އެމެރިކާ އަށް ވިޔަކަ ނުދޭނަން... އަހަރެމެން ބޭނުމީ އަމާން ރައްކާތެރި ގައުމެއް. އެކަން ފެށިގެން އަންނަނީ ގައުމުގެ ސަރަހައްދީ ރޮނގުން. އެކަން އޮންނާނީ އެ ގޮތަށް،" ސްޕޭސް ކައުންސިލްގެ ރަސްމިއްޔާތެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވި އެވެ.

ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށް ހަދާފައިވާ މަރުކަޒެއްގެ ތެރޭގައި ކުޑަކުދިންތަކެއް. --ސީއެންއެން

އޭނާ ވިދާޅުވީ ސަރަހައްދީ ރޮނގެއް ނުވަތަ ބޯޑަރެއް ނެތް ގައުމަކީ އޭގެ ޒާތުގައި ގައުމެއް ވެސް ނޫން ކަމަށެވެ. އަދި ގައުމެއް ރައްކާތެރި ކަމުގައި އޮތުމަށްޓަކައި އެ ގައުމެއްގެ ސަރަހައްދީ ރޮނގުގެ އަމާންކަން ކަށަވަރު ކުރެވެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕުގެ މި ސިޔާސަތަށް އެމެރިކާގެ އެތެރެ އިންނާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އަންނަނީ ފާޑު ކިޔަމުންނެވެ.

އެމެރިކާގެ ކުޑަކުދިންނާ ބެހޭ އެކަޑެމީގެ ރައީސް ޑރ. ކޮލީން ކްރާފްޓް ވިދާޅުވީ ސަރަހައްދީ ރޮނގުގެ މައްސަލައަކާ ހުރެ ތުއްތު ކުދިން، އެކުދިންގެ މައިންބަފައިންނާ ވަކި ކުރުމަކީ ކުޑަކުދިންނަށް ކުރެވޭ ގޯނާގެ ވައްތަރެއް ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ރެފިއުޖީންނާއި ހިޖްރަ ކުރާ މީހުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރިޔަސް، އާއިލާތައް ރޫޅާލައިގެން ނުވާނެ ކަމަށެވެ. އަދި ތުއްތު ކުދިން މައިންބަފައިންނާ ވަކިކުރުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށާއި އެފަދަ އަނިޔާ އެ ކުދިންނަށް ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހިޖްރަ ކުރާ މީހުންނާއި ރެފިއުޖީންނާ މެދު މުއާމަލާތު ކުރަންވާނީ އޯގާތެރިކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕުގެ ސަރުކާރުން މިހާރު ތައާރަފް ކޮށްފައިވާ "ޒީރޯ-ޓޮލަރެންސް" ޕޮލިސީގެ ސަބަބުން އެެތައް ކުދިންނެއް ވަނީ އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާ ވަކިވެފަ އެވެ. މި ސިޔާސަތުގައިވާ ގޮތުން ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ ކޮންމެ މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނެ އެވެ.

ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށް ހަދާފައިވާ މަރުކަޒެއް. --ސީއެންއެން

އެމެރިކާއާ އެއްގަމު މަގުން ގުޅިފައިވާ ބައެއް ގައުމުތަކުން އެމެރިކާ އަށް ވަގަށް އެތެރެވާ މީހުން ބައެއް ފަހަރު އެމީހުންގެ ތުއްތު ދަރިން ގޮވައިގެން އެތެރެވެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ތުއްތު ދަރިފުޅު މައިންބަފައިންނާ ވަކިިކޮށް، އެ ކުދިން ބަލަހައްޓާނެ ފަރާތެއް ވަންދެން، ނުވަތަ އެ ކުދިންގެ ތިމާގެ މީހަކު ނުވަތަ ޔަތީމު ޚާނާއަކުން އެ ކުދިންނާ ހަވާލުވަންދެން، ތިބޭނީ އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގަ އެވެ. އެއަށް ފަހު، އެ ކުދިންގެ މައިންބަފައިންގެ މައްޗަށް ދައުވާ ކޮށް ކުށް ސާބިތުވެއްޖެ ނަމަ، މައިންބަފައިން ޖަލަށް ލާނެ އެވެ.

އެމެރިކާ އިން އަލަށް ތައާރަފް ކުރި މި ސިޔާސަތު މިދިޔަ މެއި މަހު ތަންފީޒު ކުރަން ފެށުމުން މެއި މަހުގެ 6-19 އަށް 658 ކުދިން ވަނީ އެ ކުދިންގެ މައިންބަފައިންނާ ވަކިވެފަ އެވެ.

ނަމަވެސް ޓްރަމްޕުގެ ސަރުކާރުން ބުނާ ގޮތުގައި ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންނަށް ދައުވާ ކުރުމަކީ އަލަށް ކަނޑައެޅި ސިޔާސަތެއް ނޫނެވެ. ނަމަވެސް ޓްރަމްޕުގެ ސަރުކާރުން އެ ސިޔާސަތު ތަންފީޒު ކުރާ ގޮތަށް، ކުރީގެ ސަރުކާރުތަކުން އެ ސިޔާސަތު ތަންފީޒު ނުކޮށް ދޫކޮށްލާފައި އޮތީ އެވެ.