އެއާ އިންޑިއާގެ ހިއްސާ މި ވަގުތު ނުވިއްކަން ނިންމައިފި

ނިއު ދިއްލީ (ޖޫން 19) - މިއީ އިންޑިއާގައި އިންތިޚާބު ބާއްވާ އަހަރަށް ވާތީ، އެއާ އިންޑިއާގެ ހިއްސާ ވިއްކުމުގެ ޕްލާނާ އެއްގޮތަށް ކުރިއަށް ނުދިއުމަށް ނިންމައި، އެއާލައިނުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ސަރުކާރުން ދޭ ގޮތަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ސަރުކާރުން މި ގޮތަށް ނިންމާފައި ވަނީ އެއާ އިންޑިއާގެ 76 ޕަސެންޓް ހިއްސާ ވިއްކާލަން ހުޅުވާލި މުއްދަތު މިދިޔަ މަހު 31 ގައި ހަމަވިއިރު އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ސަރުކާރުގެ ސްޓްރެޓެޖީ އަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނިތާ ތިން ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ސަރުކާރުގެ އޮފިޝަލަކު ބުނީ އެއާލައިނުގެ ދުވަހުން ދުވަހުގެ އޮޕަރޭޝަންތަކަށް ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އިތުރު ބޯޓުތަކަށް އޯޑަރު ދޭން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ބުނެފައިވެ އެވެ. މި ގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ސަރުކާރުގެ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެއާލައިނަށް މިހާރު އޮޕަރޭޓިން ފައިދާއެއް ނެރެވޭ. އެއްވެސް ފްލައިޓެއް މިހާރު ހުހަކަށް ނުދޭ. ކޯސްޓް އެފިޝަންޓް މެކޭނިޒަމެއް ގާއިމްވެފައިވާ އިރު އޮޕަރޭޝަންތައް ފުޅާ ކުރަން މިދަނީ މަސައްކަތް ކުރަމުން. އެހެންވެ އަވަސް އަރުވާލައިގެން އެއާލައިނުގެ ހިއްސާ މި ވަގުތު ވިއްކުމުގެ ބޭނުމެއް ނެތް،" އޮފިޝަލް ބުނެފައިވެ އެވެ.

އެއާ އިންޑިއާ ގަންނަން އެއްވެސް ފަރާތަކުން ޝައުގުވެރި ނުވީ، ތަޖްރިބާކާރުން ބުނާ ގޮތުގައި، ސަރުކާރުން ހުށަހަޅާ ޝަރުތުތައް ބޮޑުވުމުންނެވެ. އެއާލައިން ވިއްކާލަން ކުރާ މައިގަނޑު އެއް ޝަރުތުގެ ތެރޭގައި ގަންނަ ފަރާތަކުން އެއާލައިނުގެ 27،000 މުވައްޒަފުންނާ ހަވާލުވާން ޖެހެ އެވެ. އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެ އެވެ. އެއާލައިނުގެ ދަރަނި ފަސް ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާލައިންގެ ހިއްސާ ގަންނަ ފަރާތަކުން އެ ދަރަންޏާ ވެސް ހަވާލުވާން ޖެހެ އެވެ.