އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެ

ވޮޝިންޓަން (ޖޫން 20) - އިޒްރޭލާ މެދު ތަފާތު ކުރާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެ އެވެ.


އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ އެންމެ މަތީ ކައުންސިލުން އެމެރިކާ ވަކިވިކަން އިއުލާން ކުރައްވަމުން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އެކު ވޮޝިންޓަނުގައި ވާހަކަ ދައްކަވަމުން އދ.ގެ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ ދެފުށް ދެގޮތް ކައުންސިލެއްގައި ތިބުމަކީ އެމެރިކާ ގަބޫލް ކުރާނެ ކަމެއް ނޫން ކަމަށެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވީ ރައީސް ޓްރަމްޕުގެ ސަރުކާރުގެ ނިންމުމުގެ ސަބަބުން ބޮޑު މާޔޫސް ކަމެއް ގެނުވައިފި ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ބައިވެރިޔާ އިޒްރޭލުން ވަނީ އެއީ ވަރަށް ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވިކަން އިއުލާންކުރި އިރު އެ ކައުންސިލުން މިދިޔަ މަހު ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލްއާއްމު ތަހުގީގު ކުރަން ފާސްކޮށްފަ އެވެ. އަދި ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސްނައިޕަރުން ދޭ ހަމަލާތައް ތަހުގީގު ކުރަން ވެސް ކައުންސިލުން މެއި މަހު ވަނީ ފާސްކޮށްފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އިޒްރޭލާ މެދު ވަރަށް ބޮޑަށް ތަފާތު ކުރާ ކަމަށް މިދިޔަ އަހަރު ވެސް ހޭލީ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމާ މެދު ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުންގެ މައްޗަށް ދައުވާ ކުރަން ފެށުމުން، އެ ފަދަ މީހުންނާ އެކު އެމެރިކާ އަށް އެތެރެވާ ތުއްތު ކުދިން، އާއިލާތަކާ ވަކިވާ މައްސަލަ އަށް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ ފާޑު ކިޔައިފަ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ބަދަލުގައި ހިއުމަން ރައިޓްސް ކައުންސިލް އުފެއްދީ 2006 ވަނަ އަހަރު އެވެ. ކައުންސިލްގެ 47 މެންބަރުން ތިން އަހަރުގެ މުއްދަތަށް އިންތިޚާބު ކުރަނީ އދ.ގެ ޖެނެރަލް އެސެމްބްލީންނެވެ. އަދި ކޮންމެ ގައުމަކަށް ޖެހިޖެހިގެން އަދާކުރެވޭނީ ދެ ދައުރެވެ. ކައުންސިލްގެ މެންބަރު ކަމަށް 2013 ވަނަ އަހަރު ޗައިނާ، ރަޝިޔާ، ސައުދީ އަރަބިއާ، އަލްޖީރިއާ އަދި ވިއެޓްނާމް އިންތިޚާބު ކުރުމުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝްގެ ވެރިކަމުގައި އެމެރިކާ ވަނީ ތިން އަހަރުގެ މުއްދަތަށް ކައުންސިލް ބޮއިކޮޓް ކޮށްފަ އެވެ. ކައުންސިލްގައި އެމެރިކާ އަލުން ބައިވެރިވީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. ކައުންސިލްގެ މެންބަރުކަމުގެ ދެ ދައުރަށް ފަހު، އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެމެރިކާ އަލުން އިންތިޚާބުވެފައި ވަނީ 2016 ވަނަ އަހަރު އެވެ.

މިއީ ކައުންސިލްގެ 12 އަހަރުގެ ތާރީޚުގައި ގައުމެއް އަމިއްލަ އަށް ވަކިވި ފުރަތަމަ ފަހަރެވެ. މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ އަމަލުތައް ހަރުކަށިވުމުން 2011 ވަނަ އަހަރު ލީބިއާ ވަނީ ކައުންސިލުން ސަސްޕެންޑް ކޮށްފަ އެވެ.