ނަތަންޔާހޫގެ އަނބިކަނބަލުންނަށް ދައުވާ ކުރަނީ

ތެލް އަވީވް (ޖޫން 22) - ސަރުކާރުގެ ފައިސާ ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާ މައްސަލާގައި ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ އަށް ދައުވާ ކުރަން ނިންމައިފި އެވެ.


އޭނާގެ މައްޗަށް ދައުވާ ކުރަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގެ ކޭޓަރިން ޚިދުމަތަށް 359،000 ޝެކެލް (100،000 ޑޮލަރު) ހޭދަކޮށްފައިވާތީ އެވެ. މި ތުހުމަތަށް ސާރާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެކަމަނާގެ ވަކީލުން ބުނެފައި ވަނީ ބޮޑު ވަޒީރުގެ ގެކޮޅަށް ކާތަކެތި ގެނައުމުގައި އިސްކޮށް އުޅެފައި ވަނީ ކުރީގެ ހައުސްހޯލްޑް މެނޭޖަރު ކަމަށެވެ. އަދި އެކަމުގެ އިޖްރާއަތު އޮންނަ ގޮތް ސާރާ އަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

ޖެރޫސަލް ޑިސްޓްރިކްޓް އެޓާނީ އޮފީހުން ބުނެފައި ވަނީ ސާރާގެ މައްޗަށް ދައުވާ ކުރަނީ އެކަމަނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ރަނގަޅަށް ބެލުމަށް ފަހު މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބުމުން ކަމަށެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ބޮޑު ވަޒީރުގެ ގެކޮޅަށް ސާރާ ވަނީ ރެސްޓޯރެންޓްތަކުން ކާތަކެތި ގެނެސްފައި ކަމަށާ އަދި ކައްކާއަކު ވެސް ހަޔާކޮށްފައިވާ ކަމަށެވެ.