އެމެރިކާ އިން އުޅެނީ އައްބާސްގެ ސަރުކާރު ވައްޓާލަން

ރާމުﷲ (ޖޫން 24) - އެމެރިކާ އިން މަސައްކަތް ކުރަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރު ވައްޓާލަން ކަމަށް އެ ގައުމުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ސާއިބް އުރައިގާތު ވިދާޅުވެއްޖެ އެވެ.


އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބި ދަރިކަލުން އަދި ސީނިއާ އެޑްވައިޒަރު ޖާރެޑް ކުޝްނާ އާއި ވައިޓް ހައުސްގެ މަންދޫބު ޖޭސަން ގްރީންބްލަޓް މެދުއިރުމައްޗަށް ވަޑައިގެން އިޒްރޭލް، ޖޯޑަން، ގަތަރު، މިސްރު އަދި ސައުދީ އަރަބިއާގެ ލީޑަރުންނާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

އަރަބި ބަހުން ނެރޭ އަލް ގުދުސް ނޫހަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ކުޝްނާ ވިދާޅުވީ ރައީސް އައްބާސްގެ ބައިވެރިވުމެއް ނެތި ވެސް އިޒްރޭލް- ފަލަސްތީނުގެ ސުލްހައިގެ ޕްލޭނެއް އެމެރިކާ އިން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ. ސުލްހަ ހޯދުމުގައި ރައީސް އައްބާސްގެ ގާބިލްކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކުޝްނާ ވިދާޅުވީ އެމެރިކާ އިން ހުށަހަޅާ ސުލްހައިގެ ޕްލޭން ފަލަސްތީނުގެ ރައްޔިތުން ގަބޫލްކޮށްފާނެތީ އެ ގައުމުގެ ވެރިން ބިރުގަންނަ ކަމަށެވެ. އަދި އެމެރިކާގެ ޕްލޭނަށް ފަލަސްތީނުގެ ޒައާމަތުން ދެކޮޅު ހެދުމުގެ ފުރުސަތު ނުދިނުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ކުޝްނާ ވަނީ ގޮވާލައްވައިފަ އެވެ.

ރާމުﷲ ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރައިގާތު ވިދާޅުވީ ފަލަސްތީނުގެ ވެރިކަން ބަދަލު ކުރަން އެމެރިކާ އިން ކުރަމުންދާ މަސައްކަތް ކުޝްނާގެ އިންޓަވިއު އިން ވެސް ސާފުވެއްޖެ ކަމަށެވެ.

އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ނިންމުމާ ގުޅިގެން އައްބާސް ވަނީ މެދުއިރުމަތީގެ ސުލްހައިގައި އެމެރިކާ އަށް ދެން އެއްވެސް ރޯލެއް އަދާނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އުރައިގާތު ވިދާޅުވީ އެމެރިކާ އިން ހުށަހަޅަން އުޅެނީ ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުގެ ބާރުގަދަ ކުރެވޭނެ ފަދަ ޕްލޭނެއް ކަމަށެވެ.