ޓްރަމްޕް-ކިމް ސަމިޓަށް ސިންގަޕޫރުން 12 މިލިއަން ޑޮލަރު ހޭދަކުރި

ސިންގަޕޫރު (ޖޫން 25) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މި މަހު 12 ވަނަ ދުވަހު ބޭއްވި ސަމިޓަށް ސިންގަޕޫރުން 16.3 މިލިއަން ސިންގަޕޫރު ޑޮލަރު (12 މިލިއަން އެމެރިކާ ޑޮލަރު) ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނީ ސަންތޯސާގައި ބޭއްވި ސަމިޓަށް އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނީ ސެކިއުރިޓީ އަށް ކަމަށެވެ. ނަމަވެސް ޚަރަދުގެ ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ.

ބޮޑު ވަޒީރު ލީ ސިއެން ލޫން ކުރިން ވިދާޅުވެފައި ވަނީ ސަމިޓަށް ޚަރަދުވާނެ ކަމަށް ލަފާ ކުރެވެނީ 20 ސިންގަޕޫރު ޑޮލަރު ކަމަށެވެ. ފޮރިން މިނިސްޓަރު ވިވިއަން ބާލަކްރިޝްނަން ވިދާޅުވީ ލޫން ވިދާޅުވި ޚަރަދުތަކުގެ ތެރޭގައި ކިމްގެ ހޮޓެލް ޗާޖް ވެސް ހިމެނޭ ކަމަށެވެ.

ޓްރަމްޕް-ކިމް ސަމިޓަށް ބޮޑު ޚަދަރެއް ސިންގަޕޫރުން ކުރިކަން އެނގުމާ އެކު އެ ގައުމުގެ އާއްމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އެކަމަކު މާކެޓިން ތަޖުރިބާކާރުން ބުނަނީ ސިންގަޕޫރުން ކުރި ޚަރަދަށް ވުރެ ސަމިޓުގެ ސަބަބުން އެ ގައުމަށް ލިބުނު ޕަބްލިސިޓީ 10 ގުނަ އިތުރު ކަމަށެވެ.