ޔޫއޭއީގެ މައްސަލަ ގަތަރުން އދ.ގެ އެންމެ މަތީ ކޯޓަށް

ޔުނައިޓެޑް ނޭޝަންސް (ޖޫން 27) - ގަތަރާ މެދު އިންސާނިއްޔަތާ ޚިލާފު ގޮތަކަށް އަމަލު ކުރާ ކަމަށް ބުނެ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް އދ.ގެ އެންމެ މަތީ ކޯޓުގައި ދޯހާ އިން މައްސަލަ ޖައްސައިފި އެވެ.


އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގަތަރުން މައްސަލަ ވެއްދި އިރު ގަލްފުގެ ހަތަރު ގައުމަކުން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ގަތަރާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލައިފަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކޯޓުގައި ކުރިއަށް ގެންދާ އަޑު އެހުންތަކުގައި ގަތަރުގެ ވަކީލުން ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީވުމަށް ޔޫއޭއީ އަށް މާދަމާ ފުރުސަތު ދޭނެ އެވެ. އެއަށް ފަހު ދެ ފަރާތުގެ ވަކީލުންނާ އެކު ހުކުރު ދުވަހު ބައްދަލު ކުރާނެ އެވެ.

ގަތަރުން ހުށަހެޅި މައްސަލާގައި ވަނީ އެ ގައުމުގެ ރައްޔިތުންނާ މެދު ޔޫއޭއީ އިން ވަރަށް ބޮޑަށް ތަފާތު ކުރާ ކަމަށް ބުނެފަ އެވެ. އަދި ގަތަރުގެ ރައްޔިތުންނާއި އެ ގައުމުގެ ކުންފުނިތަކާ ދެމެދު ތަފާތު ކުރުން ހުއްޓާލުމަށް ޔޫއޭއީ އަށް އެންގުމަށް ވެސް ގަތަރުގެ ހުށަހެޅުމުގައިވެ އެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރަން އުފައްދާފައިވާ އައިސީޖޭ އަށް ގަތަރުން ހުށަހެޅި މައްސަލަ ބިނާކޮށްފައި ވަނީ 1965 ވަނަ އަހަރުގެ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ސީއީއާރުޑީ) ގެ މައްޗަށެވެ. ގަތަރާއި ޔޫއޭއީ އަކީ މި މުއާހަދާގައި ސޮއިކޮށްފައިވާ ދެ ގައުމެވެ.

"ޔޫއޭއީ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގަތަރުގެ އާއިލާތައް ވަނީ ވަކިވެފައި،" ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރަން ޔޫއޭއީ އިން މަސައްކަތް ކުރާ ކަމަށް ވެސް ގަތަރުން ތުހުމަތުކޮށްފައިވެ އެވެ.