ހޮހަޅަ އަށް ގެއްލުނު ކުދިން ހޯދަން ހާހަކަށް ވުރެ ގިނަ ޑައިވަރުން

ބެންކޮކް (ޖޫން 30) - ތައިލެންޑުގެ ޗިއަން ރައި ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅަ އަށް ވަތް ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުންދާ 12 ކުދިން ފެނޭތޯ ހާހަކަށް ވުރެ ގިނަ ޑައިވަރުން ހަރަކާތްތެރިާވާން ފަށައިފި އެވެ.


ކުދިން ހޯދުމަށް ތައިލެންޑް ފުލުހުންނާއި ސިފައިން އަދި ބޯޑަ ގާޑުން ހަރަކާތްތެރިވާ އިރު އެ ޓީމާ މިހާރު ވަނީ ހޮހަޅަތަކަށް ފީނުމުގައި ޚާއްސަ އިނގިރޭސި ވިލާތާއި އެމެރިކާ އަދި ޗައިނާގެ ޑައިވަރުން ބައިވެރިވެފަ އެވެ.

އުުމުރުން 11-16 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗު މިދިޔަ ހޮނިހިރު ދުވަހު ހޮހަޅައަށް ވަން ގޮތަށް ޚަބަރެއް ނުވެ އެވެ. އެ ކުދިން ހޮހަޅަ އަށް ވަނީ ފުޓްބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. އެ މީހުން ހޮހަޅަ އަށް ވަން ފަހުން ވަނީ ވާރޭ ވެހި ހޮހަޅައިގައި ފެންގަނޑު ވަރަށް ބޮޑަށް ބޮޑުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ޑައިވަރުންނަށް ވެސް ވަނީ ހޮހަޅައިގެ ތެރެއަށް ފީނަށް ދަތިވެފަ އެވެ.

އިނގިރޭސި ވިލާތުގެ ކޭވް ޑައިވަރުން ހޮހަޅަ އަށް ވަދެވޭނެ ދިމާލެއް ހޯދަނީ. --ފޮޓޯ:އޭއެފްޕީ

ލާއޯސް އާއި މިއަންމާގެ ބޯޑަރާ ކައިރީގައިވާ ތަން ލުއާން ހޮހަޅައިގެ ދިގު މިނުގައި 10 ކިލޯ މީޓަރު (ހަ މޭލު) ހުރެ އެވެ. އެއީ ތައިލެންޑުގެ އެންމެ ދިގު އެއް ހޮހަޅަ އެވެ. ޖުލައި އިން ނޮވެމްބަރަށް ތައިލެންޑަށް ވިއްސާރަ މޫސުމަށް ވާތީ އެ ހޮހަޅަ އަށް ނުވަނުމަށް ހޮހަޅައިގެ މައި އެންޓްރެންސްގައި ނޯޓިސް ވެސް ޖަހައިފައިވެ އެވެ.

ހޮހަޅައިގެ ތެރޭގައި ފެންގަނޑު ބޮޑުވާތީ ޑައިވަރުންގެ މަސައްކަތަށް ހުރަސް އެޅުމުން މަސައްކަތް މެދުކަނޑާލި ނަމަވެސް ހުކުރު ދުވަހު ވަނީ އަލުން ފަށައިފަ އެވެ. އެތައް ސަތޭކަ ޕަންޕަކުން ފެން ހިއްކަން ފެށުމުން ހޮހަޅައިގެ ފެންގަނޑު ވަނީ ކުޑަކޮށް އަޑިވާން ފަށައިފަ އެވެ.

އިނގިރޭސި ވިލާތުގެ ކޭވް ޑައިވަރަކު ހޮހަޅަ އަށް ވަދެވޭނެ ދިމާލެއް ހޯދަނީ. --ފޮޓޯ:އޭއެފްޕީ

އަނެއްކޮޅުން ހޮހަޅައިގެ މެދަކާ ހަމައިން އިއްޔެ ވަނީ ބާގަނޑެއް ކަހަލަ ތަނެއް ހޯދައިފަ އެވެ. ނަމަވެސް އެ ބާގަނޑު ތަމް ލުއާން ހޮހަޅައާ ގުޅިފައިވާ ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު ރެސްކިއު ޓީމުތަކުން ވަނީ އެ ބާގަނޑުން ކާނާއާ އެކު ސަވައިވަލް ކިޓާއި ބޭހާއި މެޕްތަކެއް ފޮނުވާލައިފަ އެވެ. ތައިލެންޑް ފުލުހުންގެ ޗީފް ޖެނެރަލް ޗަކްޓިޕް ޗައިޖިންދާ ވިދާޅުވީ އެ ތަކެތި އެ ކުދިންނާ ހަމައަށް ފޯރައިފި ނަމަ ކާބޯތަކެތި ލިބި އަދި މެޕް ބަލައިގެން ހޮހަޅައިގެ އެންޓްރެންސާ ދިމާލަށް ދާން މަގު ފަހިވާނެ ކަމަށެވެ.

ތައިލެންޑުގެ ބޮޑު ވަޒީރު ޕްރަޔަތު ޗަން އިއްޔެ ވަނީ ހޮހަޅަ ކައިރި އަށް ވަޑައިގެން ގެއްލުނު ކުދިންގެ އާއިލާތަކާ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.