ޓްރަމްޕް އެދިވަޑައިގަތުމާ އެކު ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ސައުދީ ރަސްގެފާން އެއްބަސް

ވޮޝިންޓަން (ޖުލައި 1) - ތެޔޮ އުފައްދާ މިންވަރު ދުވާލަކު ދެ މިލިއަން ފީފާ އަށް އިތުރަށް މައްޗަށް ޖެއްސުމަށް ސައުދީ ރަސްގެފާން ސަލްމާން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދޭން ސަލްމާން ރަސްގެފާން އެއްބަސްވެވަޑައިގެންނެވީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ޓްރަމްޕާއި ސަލްމާން ރަސްގެފާން ފޯނުން މަޝްވަރާ ކުރެއްވި ކަމަށް ސައުދީ މީޑިއާ އިން ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވުމުގެ ކުރިން ވެސް މިދިޔަ މަހު ފަހުކޮޅު އޯޕެކުގެ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މައްޗަށް ޖެއްސުމަށް އެއްބަސްވެފަ އެވެ.

"ވެނެޒުއެލާ އާއި އީރާން މައްސަލައާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލު އަޅުގަނޑު ވާނީ ސަލްމާން ރަސްގެފާނަށް ދަންނަވާފައި. އަދި ތެޔޮ އުފައްދާ މިންވަރު ދުވާލަކު ދެ މިލިއަން ފީފާ އަށް އިތުރު ކޮށްދިނުމަށް ދެންނެވިން. ރަސްގެފާން ސަލްމާން ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފައި،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ސައުދީ އަރަބިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމެވެ.

ޓްރަމްޕް ސަރުކާރުން މިހާރު ދަނީ ނޮވެމްބަރު މަހުން ފެށިގެން އީރާނުން ތެޔޮ އިމްޕޯޓް ކުރުން މަނާކުރުމަށް ގައުމުތަކަށް ޕްރެޝަރު ކުރަމުންނެވެ.