އެެމެރިކާގެ ބިރުތަކަށް ކުންފުނިތަކުން ޖެހިލުން ނުވަން އީރާނުން ގޮވާލައިފި

ތެހެރާން (ޖުލައި 1) - އެމެރިކާ އިން ދޭ އިންޒާރުތަކާއި ދައްކާ ބިރުތަކަށް އީރާނުގައި މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކުން ޖެހިލުން ނުވަން ތެހެރާނުން ގޮވާލައިފި އެވެ.


"އީރާނުގައި މަސައްކަތް ކުރާ އެއްވެސް ކުންފުންޏަކުން އެމެރިކާގެ ބިރުތަކަށް ޖެހިލުން ވެގެން ނުވާނެ. އަދި އެ ކުންފުނިތަކުން އީރާނުގައި މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ،" އިންޑަސްޓްރީ މިނިސްޓަރު މުހައްމަދު ޝަރިއާތުމަދަރީ ވިދާޅުވި އެވެ.

ތެހެރާނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމެރިކާގެ ބިރުތަކަށް ޖެހިލުންވާ ކުންފުނިތަކުގެ ބަދަލުގައި އެހެން ކުންފުނިތައް ގެންނާނެ ކަމަށެވެ. އަދި އީރާނުގައި އިންވެސްޓް ކުރަން ބޭނުންވާ ކުންފުނިތައް ބައިިވަރު އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގައި މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ފްރާންސްގެ ވެހިކަލް ކުންފުނި ޕީއެސްއޭ ހިމެނެ އެވެ. ޝަރިއާތުމަދަރީ ވިދާޅުވީ އެ ކުންފުނީގެ މަސައްކަތް ހުއްޓާލާނެކަން އަދި އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް އީރާނުގައި ހިންގާ ޕީއެސްއޭގެ ބައެއް އޮޕަރޭޝަންތައް މިހާރު ދަނީ ހުއްޓާލަމުންނެވެ.

އެމެރިކާ އިން ދަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން މެއި މަހު ވަކިވުމަށް ފަހު އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ.