އަޅުގަނޑުގެ ކެމްޕޭނަށް ޗައިނާ އިން ޚަރަދެއް ނުކުރޭ: ރާޖަޕަކްސާ

ކޮލަމްބޯ (ޖުލައި 2) - ސްރީ ލަންކާގައި 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކެމްޕޭނަށް ޗައިނާ އިން ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ޖެހި ރިޕޯޓް ރާޖަޕަކްސާ ދޮގު ކުރައްވައިފި އެވެ.


"ޗައިނާ ހާބަ ކުންފުނިން އަޅުގަނޑުގެ ކެމްޕޭނަށް އެއްވެސް ފައިސާއެއް ޚަރަދުކޮށްފައެއް ނުވޭ،" ރާޖަޕަކްސާ ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީން ވަނީ ރާޖަޕަކްސާގެ ކެމްޕޭނަށް 7.6 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

ރާޖަޕަކްސާ ވިދާޅުވީ ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި އާ ސަރުކާރު ވެރިކަމަށް އައިސް ޗައިނާ އިން ފަންޑުކުރާ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލި ކަމަށާއި އޭގެ ތެރޭގައި ކޮލަމްބޯ ޕޯޓުގެ މަސައްކަތް ކުރާ ޗައިނާ ހާބަ ކުންފުނީގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް ރާޖަޕަކްސާ ވިދާޅުވި އެވެ. ޕްރޮޖެކްޓްތައް އަލުން އެ ކުންފުނިތަކަށް ހަވާލުކޮށްފައި ވަނީ އެއްވެސް ގޯހެއް ހިންގާފައި ނުވާކަން ޔަގީންވުމުން ކަމަށް ވެސް ރާޖަޕަކްސާ ވިދާޅުވި އެވެ.

"މި ސަރުކާރު ވެރިކަމަށް އައި ފަހުން ކުރާ މައިގަނޑު އެއް ކަމަކީ އިދިކޮޅު ފަރާތްތަކަށް ޖަކަ އުކުން ކަން ސްރީ ލަންކާގެ ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެ،" ރާޖަޕަކްސާގެ ބަޔާނުގައި ބުނެފައިވެ އެވެ.