ހޮހަޅައިގައި ތިބި ކުދިން ނެރެން މަސްތަކެއް ނަގާނެ: ސިފައިން

ބެންކޮކް (ޖުލައި 3) - ތައިލެންޑުގެ ޗިއާން ރައި ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅަ އަށް ގެއްލުނު ކުދިން ނުވަ ދުވަސް ފަހުން ދިރި ތިއްބާ ފެނުނު ނަމަވެސް އެ ކުދިން ހޮހަޅައިން ނެރެން ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށާއި އެ ކަމަށް މަސްތަކެއް ހޭދަވެދާނެ ކަމަށް ތައިލެންޑް ސިފައިން ބުނެފި އެވެ.


ތައި ރޯޔަލް އާމީން ބުނީ އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗު ހޮހަޅައިން ނެރުމަށްޓަކައި ޖެހޭނީ އެ މީހުންނަށް ފުރަތަމަ ޑައިވް ކުރަން ދަސްކޮށްދޭން ނުވަތަ ހޮހަޅައިގެ ތެރޭން ފެންގަނޑު ހިނދެންދެން މަޑު ކުރަން ކަމަށެވެ. ފެންގަނޑު ހިނދެން މަސްތަކެއް ނަގައިފާނެ ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.

ބޯކޮށް ވާރޭ ވެހެމުންދާތީ ހޮހަޅައިން ފެން ހިއްކުން ވެސް ވަނީ ބުރަ މަސައްކަތަކަށްވެފަ އެވެ. އަދި ހޮހަޅައިގައި ތިބި ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭން ވެސް ދަތިވެފައި ވަނީ ފެންބޮޑުވެފައިވާތީ އެވެ. ސިފައިން ބުނީ ކުރިއަށް އޮތް ހަތަރު މަހަށްވާ ވަރަށް އެ ކުދިންނަށް ކާބޯތަކެތި ފޮނުވަން ބޭނުންވާ ކަމަށެވެ.

ތައިލެންޑުގެ ހޮހަޅައިގެ ތެރޭގައި ތާށިވި ކުދިންގެ އާއިލާތަކުން ސިފައިންނަށް ޝުކުރު އަދާކުރަނީ. --ފޮޓޯ:އޭއެފްޕީ

ހޮހަޅައިގެ ތެރޭން ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ހާހެއްހާ ޑައިވަރުންގެ ތެރޭން އެ ކުދިން ރޭ ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ. ކަނު އަނދިރީގައި އެ ކުދިން ތިބީ ތަމް ލުއާން ހޮހަޅައިގެ ތެރޭގައިވާ ބޮޑު ބާގަނޑެއްގެ ކަހަލަ ތަނެއްގައި ހުރި އުސް ތަނެއްގެ މަތީގަ އެވެ. ރޭ ދުވާ ބަދަލުވަމުންދާ ކަމެއް ވެސް އެ ކުދިންނަކަށް ނޭނގެ އެވެ. ޑައިވަރުން ގާތު އެ ކުދިން ވަނީ އެއީ ހަފުތާއިން ކޮން ދުވަހެއްތޯ ސުވާލު ކޮށްފަ އެވެ. އަދި އެ ކުދިން ތިބީ ވަރަށް ބަނޑުހައިވެފައި ކަމަށް ބުންޏެވެ.

ތައިލެންޑަށް ވިއްސާރަ މޫސުމުގައި ތަމް ލުއާން ހޮހަޅައިގައި އަބަދުވެސް ފެންބޮޑުވެ އެވެ. ވިއްސާރަ މޫސުން ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރަށް ދެމިގެންދާނެ އެވެ. އޭގެ ކުރިން އެ ކުދިން ހޮހަޅައިން ނެރެން ބޭނުންވެއްޖެ ނަމަ ޖެހޭނީ ޑައިވް ކުރަން ދަސްކޮށްދޭށެވެ. އެކަމަކު ތަޖްރިބާކާރުން ބުނަނީ ތަޖްރިބާ ނެތް ޑައިވަރުން ހޮހަޅައިގެ ކިސަޑު ފެނުގެ ތެރޭގައި ފީނުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށެވެ. ހޮހަޅައިގެ ފެންގަނޑު ތެރޭން އެއްވެސް ތަނެއް ނުފެނެ އެވެ. ހޮހަޅައިން ފެން ހިއްކަން ކުރަމުންދާ މަސައްކަތް މިހާތަނަށް ކާމިޔާބެއް ނުވެ އެވެ. ހޮހަޅައިން ފެންގަނޑު ހިނދުމުން އެ ކުދިން ނެރެން މަޑުކުރާ ނަމަ އެކަމަށް މަސްތަކަކަށް އިންތިޒާރު ކުރަން ޖެހޭނެ އެވެ. އަދި ގަވާއިދުން އެ ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭން ޖެހޭނެ އެވެ.

ޑައިވް ކުރަން ދަންނަ ޚާއްސަ ޑޮކްޓަރުން އެ ކުދިންގެ ހާލު ބަލަން ފޮނުވާނެ ކަމަށް ބެލެވެ އެވެ. އަނެއް ބައި ޓީމުތަކުން މިހާރު ދަނީ ފަރުބަދައިގެ މަތިން އެ ކުދިން ތިބި ތަނާ ކައިރިއަށް ހޮހަޅަ އަށް ފޭބޭނެ ގޮތެއް ފެނޭތޯ ބަލަމުންނެވެ.

ހޮހަޅައިގެ ތެރޭގައި ތިބި ކުދިން ދިރި ތިއްބާ ފެނުނު ޚަބަރާ އެކު ހޮހަޅައިގެ ބޭރުގައި ތިބި އެ ކުދިންގެ އާއިލާތަކުގެ މީހުން ދަނީ ވަރަށް ބޮޑަށް އުފާ ފާޅު ކުރަމުންނެވެ.