ހޮހަޅައިގައި ތާށިވި ކުދިންނަށް ކާނާ ފޯރުކޮށްދޭން ފަށައިފި

ބެންކޮކް (ޖުލައި 3) - ތައިލެންޑުގެ ހޮހަޅައެއްގެ ތެރޭގައި ނުވަ ދުވަސް ވަންދެން ތާށިވެފައި ތިބި ކުދިން ފަސޭހަ އިން ނެރެވޭނެ ގޮތެއް ނެތުމުން ތައި ނޭވީ ސީލްގެ ޑައިވަރުން އެ ކުދިންނަށް ކާނާ އާއި ސިއްހީ އެހީ ފޯރުކޮށްދޭން ފަށައިފި އެވެ.


ހޮހަޅައިގައި ތިބި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ކައިރި އަށް މިހާރު ވަނީ ކާނާ އެކު ނޭވީ ސީލްގެ ހަތް މެންބަރަކު ދަތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި މެޑިކަލް ސައެންސް ނަރުހެއް ވެސް ހިމެނެ އެވެ.

"އެ ކުދިންނަށް މިހާރު ވަނީ ފަސޭހަ އިން ހަޖަމްވާ ކާނާ ދީފައި. އޭގެ ތެރޭގައި ވިޓަމިންސް އާއި މިނަރަލްސް މަތި ކާނާ އާއި ހައި ކެލޮރީ ޖެލްސް ވެސް ހިމެނޭ،" ނޭވީ ސީލްގެ ކޮމާންޑަރު އާޕަކޯން ޔޫކޮންގައެވް ވިދާޅުވި އެވެ.

ހޮހަޅައިގައި ތިބި ބައެއް ކުދިންނަށް ކުދިކުދި އަނިޔާތައް ލިބުން ފިޔަވައި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅެވެ. އާއިލާ މީހުންނާ އެ ކުދިން ވާހަކަ ދައްކަން މިހާރު ވަނީ ހޮހަޅައިގައި ފޯނެއް ވެސް ބަހައްޓައިފަ އެވެ.

ތައިލެންޑުގެ އުތުރުގެ ޗިއާން ރައި ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅަ އަށް އެ ކުދިން ގެއްލުނީ ޖޫން 23 ވަނަ ދުވަހު ހޮހަޅަ އަށް ވަން ފަހުން ހޮހަޅައިގެ ތެރޭގައި ފެންބޮޑުވުމުންނެވެ. އެ ކުދިން ރޭ ފުރަތަމަ ފެނުނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނަށެވެ. އެ ކުދިން ފެނުނީ ހޮހަޅައިގެ އެންޓްރެންސް އިން ފެށިގެން ހަތަރު ކިލޯ މީޓަރު (2.5 މޭލު) އެތެރޭގައި ތިއްބަ އެވެ. ހުރިހާ ކުދިން ވެސް ތިބީ ފެންގަނޑުން ސަލާމަތްވުމަށް އުސް ތަނަކަށް އަރަ އެވެ.

ތައި ނޭވީން ބުނީ އެ ކުދިން ހޮހަޅަ އިން ނެރެން ޖެހޭނީ ޑައިވް ކުރަން ދަސްކޮށްދީގެން ނުވަތަ ހޮހަޅައިގެ ފެންގަނޑު ހިނދެން ދެން މަޑުކޮށްގެން ކަމަށެވެ. އެކަމަށް ހަތަރު ވަރަކަށް މަސް ވެދާނެ ކަމަށް ވެސް ސިފައިން ލަފާ ކުރެ އެވެ. މާދަމާ އިން ފެށިގެން ވެސް ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެ އެވެ.

މިއަންމާ އާއި ލާއޯސްގެ ބޯޑަރާ ކައިރީގައިވާ ތަމް ލުއާން ހޮހަޅައިގެ ދިގު މިނުގައި 10 ކިލޯ މީޓަރު (ހަ މޭލު) ހުރެ އެވެ. އެއީ ތައިލެންޑުގެ އެންމެ ދިގު އެއް ހޮހަޅަ އެވެ. ޖުލައި އިން ނޮވެމްބަރަށް ތައިލެންޑަށް ވިއްސާރަ މޫސުމަށް ވާތީ އެ ހޮހަޅަ އަށް ނުވަނުމަށް ހޮހަޅައިގެ މައި އެންޓްރެންސްގައި ނޯޓިސް ވެސް ޖަހައިފައިވެ އެވެ.