ތައިލެންޑުގެ ޕުކެޓް ކައިރިން ބޯޓެއް ބަންޑުން ޖަހާލައި ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެއްޖެ

ޕުކެޓް (ޖުލައި 6) - ތައިލެންޑުގައި ޗުއްޓީ ހޭދަކުރަން މަޝްހޫރު ރަށެއް ކަމަށްވާ ޕުކެޓް ކައިރިއަށް ޕަސިންޖާ ބޯޓެއް ބަންޑުން ޖަހާލުމުން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވެ އަދި އެތައް ބަޔަކު ގެއްލިއްޖެ އެވެ.


ފީނިކްސް ނަމަކަށް ކިޔާ ބޯޓުގައި ތިބި 105 މީހުންގެ ތެރެއިން ގިނައީ ޗައިނާގެ ޓޫރިސްޓުންނެވެ. އެ ބޯޓު ތޫފާނެއްގައި ޖެހުނީ އިއްޔެ ވަރަށް ހަވީރުގެ ވަގުތެއްގަ އެވެ. މީހުން ހޯދުމުގެ މަސައްކަތް ރޭ ހުއްޓާލުމަށް ފަހު މިއަދު ހެނދުނު އަނެއްކާ ވެސް ވަނީ ފަށައިފަ އެވެ. ޑައިވަރުން މިހާރު ދަނީ ފެތުނު ބޯޓު ފެނޭތޯ ފީނަމުންނެވެ.

މަސްވެރިކަމުގައި އުޅުނު ބޯޓަކުން ވަނީ 48 ޓޫރިސްޓަކު ސަލާމަތްކޮށްފަ އެވެ. ޔޫރަޕުގެ ޓޫރިސްޓުން ގޮވައިގެން ދިޔަ އެހެން ބޯޓަކުން ވަނީ 37 ޓޫރިސްޓުން ސަލާމަތްކޮށްފަ އެވެ. މޫސުން ގޯސްވެ ދަތުރު ނުކުރަން އިންޒާރު ނެރެފައި ވަނިކޮށް ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

ޕުކެޓުގެ ގަވަރުނަރު ނޮރަފަޓް ޕްލޮޑްތޮން ވިދާޅުވީ ހާލުގައި ޖެހިފައިވާ ކުދި 10 ބޯޓެއް ވެސް އިއްޔެ ވަނީ ސަލާމަތްކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓުތައް ފުރާފައި ވަނީ ވައި ގަދަވެ މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ބުދަ ދުވަހު ނެރެފައި ވަނިކޮށެވެ.

ތައިލެންޑަށް މިހާރު ދަނީ ވަރަށް ގަދައަށް ވިއްސާރަ ކުރަމުންނެވެ.