ކުދިން ސަލާމަތް ކުރަން އީލަން މަސްކުގެ އިންޖިނޭރުން ފޮނުވައިފި

ބެންކޮކް (ޖުލައި 7) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތް ކުރުމުގައި އެހީވުމަށް ސްޕޭސް އެކްސްގެ ފައުންޑާ އީލަން މަސްކުގެ ކުންފުނީގެ އިންޖިނޭރުން ބެންކޮކަށް ފޮނުވައިފި އެވެ.


ޓެކްނޮލޮޖީ ކުންފުނި ބޯރިން އާއި ޖައްވީ ހޯދުންތަކާ ބެހޭ ކުންފުނި ސްޕޭސް އެކްސްގެ އިންޖިނޭރުން މިހާރު ދަނީ ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗު ސަލާމަތުން ނެރެވޭނެ ގޮތަކީ ކޮބައިތޯ ބަލަމުންނެވެ. މަސްކް މީގެ ކުރިން ވަނީ ދެ ޚިޔާލެއް ދެއްވައިފަ އެވެ. ފުރަތަމަ ގޮތަކަށް އޭނާ ހުށަހަޅާފައި ވަނީ ހޮހަޅައިގެ ތެރެއަށް ނައިލޯން ޓިއުބެއް ފޮނުވައިގެން އެ ޓިއުބް ތެރޭން ކުދިން ނެރުމެވެ. ދެ ވަނަ ގޮތަކަށް ވިދާޅުވެފައި ވަނީ އެސްކޭޕް ކެޕްސޫލެއް ބޭނުންކޮށްގެން ކުދިން ހޮހަޅައިން ނެރުމެވެ.

މަސްކް ވިދާޅުވީ ހޮހަޅައިން އެންމެ ފަސޭހަ އިން ފެންގަނޑު ހިންދާލެވޭނެ ގޮތަކީ ކޮބައިތޯ ވެސް އޭނާ ފޮނުވި އިންޖިނޭރުން ބަލާނެ ކަމަށެވެ.

ސައުތު އެފްރިކާ އަށް އުފަން މަސްކް ވަނީ އިލެކްޓްރިކް ކާރު އުފައްދަން ޓެސްލާ އާއި ނިއުރޯޓެކްނޮލޮޖީ ކުންފުނި ނިއުރަލިންކް ވެސް އުފައްދައިފަ އެވެ. އޭނާ އަކީ ވަކިވަކި ފަރުދުންނަށް ބަލާއިރު ދުނިޔޭގެ އެންމެ މުއްސަނދި އެކަކެވެ.