ހޮހަޅައިގައި ތިބި 12 ކުދިން ނެރުމުގެ އޮޕަރޭޝަން ފަށައިފި

ބެންކޮކް (ޖުލައި 8) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ނެރުމުގެ ނުރައްކާ ބޮޑު އަދި އުނދަގޫ އޮޕަރޭޝަން ތައި ނޭވީ ސީލުން މިއަދު ހެނދުނު ފަށައިފި އެވެ.


އޮޕަރޭޝަންގެ ކޮމާންޑަރު ނަރޮންގްސަކް އޮސޮތަނަކޯން ވިދާޅުވީ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބޭރުގެ 13 ޑައިވަރުންނާއި ތައި ނޭވީގެ ފަސް ޑައިވަރުން ބައިވެރިވާ ކަމަށެވެ. ކޮންމެ ކުއްޖަކާ އެކު ވެސް ދެ ޑައިވަރުން ހަރަކާތްތެރިވާނެ އެވެ. އެންމެ ފުރަތަމަ ނެރޭ ކުދިން ވެސް ހޮހަޅައިން ނެރެވޭނެ ކަމަށް ބެލެވެނީ ތައިލެންޑް ގަޑިން މިރޭ 9 ޖަހާއިރު ކަމަށް އޮފިޝަލުން ބުނެ އެވެ.

ކުދިން ނެރުމުގެ ޕްލޭން ވަނީ އާއިލާތަކާ ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ކުދިން ނެރޭނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު ފެންގަނޑު ބޮޑު ހިސާބުތަކުގައި އެ ކުދިން ޑައިވް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެންމެ އުނދަގޫ ވާނީ ހޮހަޅައިގެ ހަނި ދޭތެރެތަކުން އެ ކުދިން ނެރުމެވެ.

ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފެށުމުގެ ކުރިން ނޭވީ ޑައިވަރުން އަތާއި އަތްގުޅާލައިގެން ތިބޭ ފޮޓޯއެއް ނޭވީ ސީލުން ވަނީ އާއްމުކޮށްފަ އެވެ.

ތައިލެންޑުގެ ނޭވީ ސީލުގެ ކޮމާންޑަރު ނަރޮންގްސަކް ރޭ ވިދާޅުވީ ހޮހަޅައިގައި ތިބި ކުދިން ސަލާމަތް ކުރަން އޮތީ ހަތަރު ދުވަހުގެ ފުރުސަތެއް ކަމަށެވެ. އެ މުއްދަތުގައި އެ ކުދިން ނުނެރެވިއްޖެ ނަމަ އޮޕަރޭޝަން ވަރަށް އުނދަގޫވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވިތާ މާގިނައިރެއް ނުވަނީސް ވަނީ ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފަ އެވެ.

ހޮހަޅައިގައި ތިބި ކުދިން މިދިޔަ ހޯމަ ދުވަހުގެ ރޭ ހޯދީ އިނގިރޭސި ވިލާތުގެ ތަޖްރިބާކާރު ދެ ޑައިވަރުންނެވެ. އެ ކުދިން ތިބީ ހޮހަޅަ އަށް ވަންނަ ދިމާލުން ފެށިގެން ހަތަރު ކިލޯ މީޓަރު (2.5 މޭލު) ދުރުގަ އެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު އެ ކުދިން ހޮހަޅަ އަށް ވަނީ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. ނަމަވެސް ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގައި ފެންބޮޑުވުމުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ.