ކުދިންނާ އެކު ހޮހަޅައިގައި ހޭދަކުރި ޑޮކްޓަރު: ނަމޫނާ ބަތަލެއް

ބެންކޮކް (ޖުލައި 13) - ތައިލެންޑުގެ ޗިއާން ރާއީ ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅައިގެ ތެރޭގައި ތާށިވެފައި ތިބި ކުދިން ކައިރި އަށް އޮސްޓްރޭލިއާގެ ޑޮކްޓަރު ރިޗަޑް ހަރިސް ދާން ޖެހުމުގައި ޚާއްސަ ސަބަބެއް ވެ އެވެ. އޭނާ އަކީ ޑޮކްޓަރެއްގެ އިތުރުން ޑައިވަރަކަށްވުމެވެ. އެ ޑޮކްޓަރަށް ލިބިފައިވާ ދެ ޕްރޮފެޝަނުގައި ގުޅުމެއް ނެތް ނަމަވެސް އެ ދެ ކަންތައް ވެގެން ދިޔައީ ދުނިޔޭގެ އެތައް ބައެއްގެ ދުލުހުން އެއީ ބަތަލެކޭ ބުނަން ޖެހުނު ސަބަބަށެވެ.


ހޮހަޅައިގައި ތާށިވި ކުދިން މި މަހު 2 ވަނަ ދުވަހު އިނގިރޭސި ޑައިވަރުން ހޯދި އިރު އޮސްޓްރޭލިއާގެ އެޑެލައިޑީ އަށް ނިސްބަތްވާ ހޭނައްތާ ޑޮކްޓަރު ހުރީ ތައިލެންޑަށް ޗުއްޓީ އަށް ގޮހެވެ. އެކަމަކު އެ ޚަބަރު އަޑުއިވުމާ އެކު ހަރިސް ގަސްދުކުރީ ޗުއްޓީ ދޫކޮށްލުމަށް ފަހު، ހޮހަޅައިގައި ތިބި ކުދިންނަށް އެހީވުމަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށެވެ. ޑޮކްޓަރުންނަކީ އާއްމުކޮށް ޕްރޮފެޝަނަލް ޑައިވްކޮށް އުޅޭ މީހުންނަށް ނުވާތީ ހޮހަޅައިގެ ތެރޭގައި އެ ކުދިންނާ އެކު ހުންނާނެ ޑޮކްޓަރަކު ނުލިބިދާނެ ކަމަށް ހީވި ބިރު ހަރިސް ވަނީ ހައްލު ކޮށްދީފަ އެވެ.

ރިޗަޑް ހަރިސް އަކީ އިންސާނީ އެހީ ދިނުމުގައި ދުނިޔެ އަށް މަޝްހޫރު ފަރާތެއް. --ފޮޓޯ: ހަރިސްގެ ފޭސްބުކް

ހޮހަޅަ އަށް ފީނައި ހަރިސް ވަނީ 12 ކުދިންނާއި ކޯޗާ އެކު ތިން ދުވަސް ހޮހަޅައިގެ ތެރޭގައި ހޭދަކޮށްފަ އެވެ. ހޮހަޅައިގައި ކުދިން ތިބި އިރު ސިއްހީ ހުރިހާ ފަރުވާއެއް ފޯރުކޮށްދިނީ ހަރިސް އެވެ. ހޮހަޅައިގައި ތިބި ކުދިންގެ ޖިސްމާނީ ގާބިލް ކަމަށް ބަލައި ކުދިން ހޮހަޅައިން ނެރުމުގެ ތަރުތީބު ކަނޑައެޅީ ވެސް ހަރިސް ކަމަށްވެ އެވެ. އަދި އެ ކުދިން ހޮހަޅައިން ނެރުނީ ނިންދަވާލައިގެން ކަމަށް ތައި ނޭވީ ސީލުން ފަހުން ބުނެފައިވާ އިރު އެ ކުދިންނަށް ނިދާ ބޭސް ދީފައިވާނީ ވެސް ހަރިސްގެ އިރުޝާދުގެ ދަށުން ކަމަށް ބެލެވެ އެވެ.

ހޮހަޅައިން އެންމެ ފަހުން ނުކުތް މީހުންގެ ތެރޭގައި ވެސް ހަރިސް ހިމެނެ އެވެ. ފަހުން އެނގުނު ގޮތުގައި ހޮހަޅައިން އެންމެ ފަހުން ނުކުތް މީހުން ސަލާމަތްވީ ކިރިޔާ އެވެ. ހޮހަޅައިގެ ޗެމްބަރެއްގެ ޕަމްޕް ސިސްޓަމް ހަލާކުވުމުން، ހޮހަޅައިގައި ކުއްލިއަކަށް ފެންބޮޑުވި އިރު ޑޮކްޓަރާއި ޑައިވަރުން ނުކުންނަން ޖެހުނީ ކަރުތާ ފެނުގަ އެވެ.

ހޮހަޅައިން އެންމެ ފަހުން ނުކުތް ހަތަރު މީހުންގެ ޓީމުގައި ހަރިސް ހިމެނޭ

ހޮހަޅައިން އެންމެން ސަލާމަތް ކުރުމުގެ ބޮޑު ހިތްހަމަ ޖެހުމާ އެކު އެންމެން އުފާ ކުރަމުން ދިޔައިރު ހޮހަޅައިން ނުކުތުމާ އެކު ހަރިސް އަށް ލިބުނީ ބޮޑު ހިތާމައެކެވެ. އޮސްޓްރޭލިއާގައި ހުރި އޭނާގެ ބައްޕަ މަރުވި ޚަބަރެވެ.

ހަރިސް މަސައްކަތް ކުރާ ސައުތު އޮސްޓްރޭލިއާ އެމްބިއުލެންސް ސާވިސް އިން ބުނީ ހަރިސް އަކީ މީހަކަށް އެހީއެއް ވާން ޖެހިއްޖެ ނަމަ އެ އެހީވުމާ މެދު ދެވަނަ ފަހަރަށް ވިސްނާ މީހެއް ނޫން ކަމަށެވެ.

ހޮހަޅައިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހަރިސް އަކީ ދުނިޔެ އަށް މަޝްހޫރު މީހެކެވެ. އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޖޫލީ ބިޝޮޕް ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.

ހަރިސް މީގެ ކުރިން ވެސް ވަނީ ހޮހަޅަތަކުން މީހުން ސަލާމަތް ކުރުމުގައި އެހީތެރިވެދީފައި.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގެ ކޮމާންޑަރު އަދި ޗިއާން ރާއީ ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވީ ރެސްކިއު މިޝަނުގެ ހަގީގީ ލީޑަރަކީ ޑޮކްޓަރު ހަރިސް ކަމަށެވެ. އެކަމަށް ޓަކައި އޭނާ ވަނީ އޮސްޓްރޭލިއާގެ މުޅި ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

"ހަރިސް ނެތް ނަމަ މި އޮޕަރޭޝަން މިހާ ފުރިހަމަ ނުވީސް،" ނަރޮންގްސަކް ވިދާޅުވި އެވެ.

ހަރިސްގެ މަސައްކަތް އެނގުމާ އެކު ސޯޝަލް މީޑިއާގައި ދިޔައީ އޭނާ އަށް ތައުރީފް އޮހެމުންނެވެ. ބައެއް މީހުން ބުނެފައި ވަނީ އެއީ އޮސްޓްރޭލިއާގެ އަހަރުގެ ޝަޚްސިއްޔަތު ކަމަށެވެ. އަނެއް ބަޔަކު ދަނީ އެ ޑޮކްޓަރަށް އޮސްޓްރޭލިއާގެ އެންމެ މަތީ ޝަރަފް ދިނުމަށް އިލްތިމާސް ކުރަމުންނެވެ. ކުުދިން ސަލާމަތް ކުރުމުގައި އުޅުނު އޮސްޓްރޭލިއާ ޓީމުގެ އަގު ވަޒަން ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކްއީންސްލޭންޑުގެ ސަންޑޭ މެއިލްގެ އެޑިޓަރު، ހަރިސް އަށް ތައުރީފްކުރުމަށް ކޮށްފައިވާ ޓްވީޓެއް

ތަޖްރިބާކާރު ޑައިވަރު ހަރިސް އަކީ ކަނޑުއަޑީގެ ފޮޓޯ ނަގާ ފޮޓޯގްރާފަރެއް ވެސް މެ އެވެ. އޮސްޓްރޭލިއާ، ނިއު ޒީލެންޑް، ކްރިސްމަސް އައިލެންޑް އަދި ޗައިނާގައި އޭނާ ވަނީ ހޮހަޅައިގައި ފީނުމުގެ ތަޖްރިބާކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ބިޝޮޕް ވިދާޅުވީ ޕެސިފިކް ސަރަހައްދަށް ދިމާވާ ގުދުރަތީ ހާދިސާތަކުގައި ސިއްހީ އެހީ ފޯރުކޮށްދިނުމުގައި ހަރިސްގެ ރޯލް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ވަނުވާޓޫގައި ހަރަކާތްތެރިވި އޮސްޓްރޭލިއާގެ އެހީދޭ މިޝަނުގައި ވެސް އޭނާ ހިމެނުނެވެ.

ހަރިސގެ އިތުރުން އޮސްޓްރޭލިއާގެ ޕާތުގެ ޑައިވަރެއް ކަމަށްވާ ގްރައިގް ޗަލެން ވެސް ވަނީ ހޮހަޅައިގައި ތާށިވި ކުދިންނާ އެކު ހޭދަކޮށްފަ އެވެ. ކުދިން ސަލާމަތް ކުރުމުގައި މި ދެ ބަތަލުންނާ އެކު އޮސްޓްރޭލިއާގެ 20 މީހުންގެ ޓީމެއް ހަރަކާތްތެރިވި އެވެ.