ހޮހަޅައިގެ ބޭރުގައި ހިލޭ ސާބަހަށް އެތައް ކަމެއް: މިއީ ވެސް ބަތަލުން

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައި ކުދިން ސަލާމަތް ކުރުމުގެ އުނދަގޫ އަދި ނުރައްކާ މަސައްކަތް ހިތްވަރުގަދަ ޑައިވަރުން ކުރަމުންދާ އިރު ފަރުދާގެ ފުރަގަހުގައި ވެސް އެތައް ކަމެއް ދަނީ ހިންގަމުންނެވެ.


ހޮހަޅައިގެ ބޭރުގައި ވޮލަންޓިއަރުން ކައްކަނީ.

މި ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ބަޔަކީ އެ ތަނުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނެވެ. ތައިލެންޑުގެ އެކި ހިސާބުތަކުން އެތައް ބަޔަކު ވަނީ ޗިއާން ރާއީ ޕްރޮވިންސަށް ދަތުރުކޮށް ހޮހަޅަ ބޭރުގައި ކޭމްޕް ޖަހައިފަ އެވެ. އެ މީހުން ދަނީ ހިލޭ ސާބަހަށް އެތައް ކަމެއް ކުރަމުންނެވެ. މި ގޮތުން ފާހަގަ ކުރެވޭ އެއް ބަޔަކީ ޑައިވަރުންނާއި ރެސްކިއު ޓީމުތަކުގައި ހިމެނޭ އެތައް ބަޔަކަށް ކޮންމެ ދުވަހަކު ވެސް ހިލޭ ސާބަހަށް ކައްކާފައި ކާންދޭ ގްރޫޕްތަކެވެ.

ހޮހަޅައިގެ ބޭރުގައި ވޮލަންޓިއަރުން ހަރަކާތްތެރި ވަނީ.

ތައިލެންޑުގެ ޝާހީ ގަނޑުވަރުން ކޮންމެ ދުވަހަކު ވެސް އެތައް ޓްރަކެއްގެ ކާނާ ހޮހަޅަ ކައިރި އަށް ފޮނުވަ އެވެ. އެތަކެތި ލޮރީތަކުން ބަލާ ސްޓޯލްތަކުގައި ބަހައްޓައިދެނީ ވޮލަންޓިއަރުންނެވެ.

މި ގްރޫޕްގެ ތެރޭން ފާހަގަ ކުރެވޭ އަނެއް ބަޔަކީ ޑައިވަރުންނާއި ވޮލަންޓިއަރުންގެ ހެދުން ދޮވެދޭ އަންހެނުންގެ ގްރޫޕެވެ. ކޮންމެ ދުވަހަކު ވެސް ވަރުބަލި ކަމެއް ނެތި އެ މީހުންގެ މަސައްކަތް ކުރިއަށް ގެންދާ އިރު ބައެއް މީހުން ދަނީ އެއީ ވެސް ބަތަލުން ކަމަށް ބުނަމުންނެވެ. ގިނަ ވޮލަންޓިއަރުންގެ މަސައްކަތް ފަށަނީ ހެނދުނު ހައެއްގެ ކުރިންނެވެ. އެ މީހުންގެ މަސައްކަތް ނިންމާލަނީ ދަންވަރު އެވެ.

ހޮހަޅައިގެ ބޭރުގައި ވޮލަންޓިއަރުން ހިލޭ ސާބަހަށް ކެއްކުމުގެ މަސައްކަތް ކުރަނީ.
ހޮހަޅައިގެ ބޭރުގައި ކާނާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ.