ހޮހަޅައިގައި ތާށިވި ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފި

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް ހިންގި ނުރައްކާ އަދި އުނދަގޫ މަސައްކަތް ކާމިޔާބުކަމާ އެކު މިއަދު ނިންމާއިފި އެވެ.


ހުރިހާ ކުދިންނާއި ކޯޗު ހޮހަޅައިން ސަލާމަތުން ނެރުނުކަން ތައި ނޭވީ ސީލްގެ ފޭސްބުކުގައި ވަނީ އިއުލާންކުރި އިރު ކެތްތެރިކަމެއް ނެތި ދުނިޔޭގެ އެތައް ބަޔަކު ދިޔައީ އެ ޚަބަރަށް އިންތިޒާރު ކުރަމުންނެވެ.

ހޮހަޅައިގައި އެ ކުދިން ތިބޭތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ފުރަތަމަ ގްރޫޕުގެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފެށީ އާދިއްތަ ދުވަހު އެވެ. ތަޖްރިބާކާރު ޑައިވަރުންގެ 18 މީހުންގެ ޓީމަކުން އެ ދުވަހު ވަނީ ހަތަރު ކުދިން ހޮހަޅައިން ނެރެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ދެ ވަނަ ދުވަހުގެ އޮޕަރޭޝަނުގައި ވެސް ވަނީ ހަތަރު ކުދިން ސަލާމަތްކޮށްފަ އެވެ.

ޑައިވަރުން ކުދިން ސަލާމަތް ކުރާ ގޮތް

ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗު ނެރުމުގެ މަސައްކަތަށް ހޮހަޅަ އަށް 19 ޑައިވަރުން ފީނީ މިއަދު ތައިލެންޑް ގަޑިން 10 ޖެހިއިރު އެވެ. ފަހަރަކު ކުއްޖަކު ނެރެ އޮޕަރޭޝަން ނިންމާލީ މިއަދު މެންދުރު ފަހު އެވެ. އޮޕަރޭޝަން އެކުގައި މި ނިންމާލީ އެ ކުދިން ހޮހަޅައިގައި ތިބޭތާ 18 ދުވަސް ފަހުންނެވެ.

ކުދިން ސަލާމަތް ކުރި ނަމަވެސް އެ ކުދިން ތިބެނީ ޗިއާން ރާއީ ހޮސްޕިޓަލްގައި ކަރަންޓީނު ކޮށްފަ އެވެ. އާއިލާތަކަށް ވެސް އެ ކުދިން ދެކިލުމުގެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ. ހޮސްޕިޓަލުގައި އެ ކުދިން ހަފުތާއެއްހާ ދުވަހު ތިބޭނެ އެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުން

* ޖޫން 23، ހޮނިހިރު: 12 ކުދިންނާއި ކޯޗު ހޮހަޅައިގައި ތާށިވި

* ޖުލައި 2، ހޯމަ: ހޮހަޅައިގައި ތާށިވި ކުދިން، އިނގިރޭސި ޑައިވަރުން ހޯދި

* ޖުލައި 6، ހުކުރު: ކުދިން ސަލާމަތް ކުރުމުގައި ކުޅުނު ކުރީގެ ނޭވީ ޑައިވަރަކު މަރުވި

* ޖުލައި 8، އާދިއްތަ: ހޮހަޅައިގައި ތިބި ކުދިންގެ ފުރަތަމަ ހަތަރު ކުދިން ސަލާމަތްކުރި

* ޖުލައި 9، ހޯމަ: އިތުރު ހަތަރު ކުދިން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔަ

* ޖުލައި 10، އަންގާރަ: ހޮހަޅައިގައި ބާކީ ތިބި އެންމެން ސަލާމަތްކޮށް ނިންމާލި

ޑޮކްޓަރުން ބުނީ ސަލާމަތް ކުރި ބައެއް ކުދިންގެ އެކްސް-ރޭ ނަގައި ލޭގެ ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. ދެ ކުއްޖެއްގެ މޭގައި އިންފެކްޝަނެއް އުފެދިފައިވުން ފިޔަވައި އިތުރު މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ވައިލްޑް ބޯ ފުޓުބޯޅަ ޓީމުގެ ކުދިން ތަމް ލުއާން ހޮހަޅަ އަށް ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. އެ ކުދިން ހޮހަޅަ އަށް ވަން ފަހުން ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ، މަގު ބެދި ނުކުމެވޭނެ ގޮތެއް ނެތި ތިއްބާ އިނގިރޭސި ޑައިވަރުން އެ ކުދިން ހޯދީ މި މަހު 2 ވަނަ ދުވަހުގެ ރެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ