ކުދިން ސަލާމަތް ކުރުމުގެ ކޮންމެ ފިޔަވަޅެއް އެހާ ނުރައްކާ: ޑައިވަރުން

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނުގެ ކޮންމެ ފިޔަވަޅެއް އެހާ ނުރައްކާ ކަމަށާއި ދުވަހަކު ވެސް އެ ވަރުގެ އުނދަގޫ މިޝަނެއް ފުރިހަމަ ނުކުރާ ކަމަށް ބައެއް ޑައިވަރުން ބުނެފި އެވެ.


ނޭވީ ސީލް ޓީމަށް އޮކްސިޖަން ފުޅި ގެންގޮސްދިނުމުގައި އުޅުނު ޑައިވަރެއް ކަމަށްވާ ނަރޮންގްސުކް ކީސަބް ބުނީ ޗަކަ ފެންގަނޑު ތެރޭގައި ފީނާ އިރު ފެންނަނީ އަތްތިލަ އެކަނި ކަމަށެވެ.

"ދެން ކުރިމަތިން ވަރަށް ކުޑަ ތަންކޮޅެއް ފެނޭ. އޭގެ އިތުރުން ފެންގަނޑު ތެރޭގައި ހުރި ހިލަތައް ރޭޒަރެއްހާ ތޫނު. އެއީ ޑައިވަރުންނަށް ވަރަށް ނުރައްކާ އެއްޗެއް. އަނެއް ނުރައްކަލަކީ ފީނަން އޮތް މަގު އެހާ ހަނިވުން،" ތައި އިލެކްޓްރިސިޓީ ޖެނެރޭޓިން އޮތޯރިޓީގެ ޑައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކީސަބް ބުންޏެވެ.

ޑައިވަރުން ކުދިންނާ އެކު ފީނާ ގޮތް

އޭނާ ބުނީ ހޮހަޅައިން ކުދިން ނެރެން އެޅި ކޮންމެ ފިޔަވަޅެއްގައި އިންތިހާ އަށް ނުރައްކާ ބޮޑު ކަމަށެވެ.

"ބައްޕައެއްގެ ގޮތުން އަހަންނަށް ވަރަށް އަސަރު ކުރި. ކޮންމެ މީހަކަށް ވެސް މި އިހްސާސް ކުރެވޭނެ. އަހަރެން ދުށީ އެއީ ހަމަ އަހަރެމެންގެ ވެސް އަމިއްލަ ދަރިންގެ ގޮތުގައި،" އޭނާ ބުންޏެވެ.

ހޮހަޅައިގެ ޗަކަ ފެންގަނޑު ބައެއް ޑައިވަރުން ސިފަކޮށްފައި ވަނީ ކޮފީ ލާޓޭގެ ގޮތުގަ އެވެ.

ހޮހަޅައިން ކުދިން ނެރުމުގައި އެންމެ ނުރައްކާ ބަޔަކީ ހޮހަޅައިގެ ތެރޭގައި އިންނަ ޓީ-ޖަންކްޝަނެވެ. އެ ހަނި ދޭތެރޭން ފުރަތަމަ ޖެހޭނީ އަޑިއަށް ފީނަށެވެ. އޭގެ ފަހުން މައްޗަށް ފީނާށެވެ. މައްޗަށް އަރާ އިރު ހޮހަޅައިގެ ބައެއް ތަންތަނުގެ ފުޅާ މިނަކީ 40 ސެންޓިމީޓަރެވެ. އެހެންވެ ޑައިވަރުންނަށް ވެސް ޖެހޭނީ ވައި ފުޅި ބުރަކަށިން ނައްޓާލުމަށް ފަހު ހަށިގަނޑުގެ އެއް އަރިއެއްގައި ބަހައްޓައިގެން ފީނާށެވެ. މިއީ ވަރަށް ތަޖްރިބާކާރު ޑައިަވަރުންނަށް ވެސް އެހާ އުނދަގޫ ކަމެކެވެ.

އެކަމަކު ކަނު އަނދިރީގައި ކުޅަދާނަ ޑައިވަރުން އެ ވަނީ އެކަން ފުރިހަމަކޮށްފަ އެވެ. ފަތަން ވެސް ނޭނގޭ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ވަނީ ހޮހަޅައިން މިއަދު ސަލާމަތްކޮށްފަ އެވެ.