ކުދިން ސަލާމަތް ކުރި ޑޮކްޓަރު ހޮހަޅައިން ނުކުތުމާ އެކު ލިބުނީ ހިތާމަވެރި ޚަބަރެއް

ބެންކޮކް (ޖުލައި 11) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގެ ތެރޭން 12 ކުދިންނާއި ކޯޗު ފެނުނު ފަހުން އެ ކުދިންނަށް ޚިދުމަތް ދިނުމުގައި ހޮހަޅައިގައި ހޭދަކުރި އޮސްޓްރޭލިއާގެ ޑައިވަރު އަދި ޑޮކްޓަރު ރިޗަޑް ހަރިސް ހޮހަޅައިން ނުކުތުމާ އެކު ލިބުނު ޚަބަރުން އޭނާ އަށް ބޮޑު ހިތާމައެއް ކުރިމަތިވެއްޖެ އެވެ.


ބާރަ ކުދިންނާއި ކޯޗު 17 ދުވަސް ފަހުން ސަލާމަތުން ހޮހަޅައިން ނެރުމުގެ ޚަބަރާ އެކު މުޅި ދުނިޔެ އަށް އުފާވެރިކަން ލިބުނު ނަމަވެސް ހަރިސް ހޮހަޅައިން ނުކުތުމާ އެކު އޭނާ އަށް ލިބުނީ ބައްޕަ މަރުވި ކަމުގެ ހިތާމަވެރި ޚަބަރެވެ. ދުނިޔެ އަށް މަޝްހޫރު ޑޮކްޓަރު އަދި ޑައިވަރަކީ ހޮހަޅައިން އިއްޔެ އެންމެ ފަހުން ނުކުތް މީހާ އެވެ. އެއީ ވަރުގަދަ ބަތަލެއް ކަމަށް ބުނެ އޭނާ އަށް ދަނީ އެތައް ބަޔަކު ތައުރީފް ކުރަމުންނެވެ.

ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ސަލާމަތް ކުރުމަށް ހަރިސް ނުވަތަ އޭނާގެ މަޝްހޫރު ނަމުން ނަމަ ހެރީ އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހެޅުމަށް ފަހު ވޮލަންޓިއާ ކުރަން ނިންމީ އޭނާގެ ޗުއްޓީ ވެސް ކެންސަލް ކުރުމަށް ފަހު އެވެ.

ހޮހަޅައިން އެންމެ ފަހުން ނުކުތް ޓީމުގައި ހިމެނޭ ޑޮކްޓަރާއި ތައި ނޭވީ ސީލްގެ ތިން ޑައިވަރުން. --ފޮޓޯ:އީޕީއޭ

އޮސްޓްރޭލިއާގެ ބްރޯޑްކާސްޓާ އޭބީސީ އިން ބުނީ ހޮހަޅަ އިން ކުދިން ނެރުނީ ހަރިސް ދިން ތަރުތީބުން ކަމަށެވެ. ހަރިސް އަކީ ޗިއާން ރާއީ ސަރަހައްދަށް ދިޔަ އޮސްޓްރޭލިއާގެ 20 މީހުންގެ ޓީމުގެ އެންމެ މުހިންމު އެއް މެންބަރެވެ.

ހެރީގެ ބައްޕަ މަރުވެފައި ވަނީ ހުރިހާ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިމުނު ފަހުންނެވެ. ހޮހަޅައިން އެންމެ ފަހުން ނުކުތީ ހެރީ އާއި ނޭވީ ސީލްގެ ތިން ޑައިވަރުންނެވެ.

ކުދިން ސަލާމަތް ކުރުމުގައި ހެރީ އަދާކުރި ރޯލަށް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޖޫލީ ބިޝޮޕް ވަނީ ތައުރީފް ކޮށްފަ އެވެ. އަދި ކުދިން ސަލާމަތް ކުރުމުގައި އޮސްޓްރޭލިއާގެ ޓީމުން އަދާކުރި ރޯލުގެ އަގު ސަރުކާރުން ރަސްމީކޮށް ވަޒަން ކުރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޖޫން 23 ވަނަ ދުވަހު ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ހޮހަޅަ އަށް ވަނީ އެ ދުވަހު ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. އެ ކުދިން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅަ ތެރެއަށް ފެންގަނޑު ދަމައިގަތުމުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވެފައިވާ ތިބޭތާ ނުވަ ދުވަސް ފަހުން އެ ކުދިން ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ.