ކުދިން ސަލާމަތުން ތިބީ ހޮހަޅަ އަށް ފޭބި ފެން ބޮއިގެން

ބެންކޮކް (ޖުލައި 11) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި ކުދިން ނުވަ ދުވަސް ވަންދެން ތިބީ ހޮހަޅަ އަށް ފޭބި ވާރޭ ފެން ބޮއިގެން ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.


ހޮހަޅައިގައި ތިބި ކުދިން އެހާ ގިނަ ދުވަހު ސަލާމަތުން ތިބީ ކިހިނެއްތޯ ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ. ހޮހަޅައިގައި ހެދިފައިވާ ޗަކަ ފެން ބުއި ނަމަ އެ ކުދިން ބަލިވުމުގެ ފުރުސަތު ވަރަށް ބޮޑުވީހެވެ. ހޮހަޅަ އަށް އެ ކުދިން ވަނުމުގެ ކުރިން ޗިޕްސް އާއި ފެންފަދަ އެއްޗެހި ގަތް ކަމަށް މަންޒަރު ދުށް އަންހެނަކު ބުނެފައިވެ އެވެ. އެ ކުދިން ހޮހަޅަ އަށް ވަނީ އެ ގްރޫޕުގެ ކުއްޖެއްގެ އުފަން ދުވަހު އެވެ. އެހެންވެ އުފަން ދުވަސް ފާހަގަ ކުރަން ގެންދިޔަ ބައެއް ކާތަކެތި ވެސް އެ ކުދިންގެ އަތުގައި ހުންނާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު ހޮހަޅަ އަށް ގެއްލުނު އުމުރުން 11-17 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު އިނގިރޭސި ޑައިވަރުން މި މަހު 2 ވަނަ ދުވަހު ހޯދި އިރު އެ މީހުން ތިބީ ވަރަށް ބަލިކަށި ކޮށެވެ. ހޮހަޅަ އަށް ވަން އިރު އަތުގައި ހުރި ކާއެތި ކޮޅުން ލިބޭ ބައި ކޯޗު ވަނީ ކުދިންނަށް ދޫކޮށްލައިފަ އެވެ. އެހެންވެ އެންމެ ހާލު ދެރައީ ވެސް ކޯޗެވެ.

ނަމަވެސް ތިން ދުވަސްވަންދެން ހިންގި ވަރަށް ނުރައްކާ އަދި އުނދަގޫ އޮޕަރޭޝަނަށް ފަހު އެންމެން ސަލާމަތްކޮށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ކުދިންގެ ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފަ އެވެ. ހޮސްޕިޓަލުގައި އެ ހުރިހާ ކުދިންނަށް ހަފުތާއެއްހާ ދުވަހު ފަރުވާ ދޭނެ އެވެ. އޭގެ ފަހުން އާއިލާތަކާ އެކު އެއް ހަފުތާ އެ ކުދިން ގޭގައި ހޭދަ ކުރާނެ އެވެ.

ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނީ މިދިޔަ އާދިއްތަ ދުވަހު ހޮހަޅައިން ނެރުނު ހަތަރު ކުދިން އާދައިގެ ކާނާ މިހާރު ކާން ފަށާފައިވާ ކަމަށެވެ. އަދި ދެ ވަނަ ގްރޫޕުގެ ހަތަރު ކުދިންނަށް މިއަދުން ފެށިގެން އާދައިގެ ކާނާ ދޭން ފަށާނެ ކަމަށް ބުނެފައިވެ އެވެ. އިއްޔެ ސަލާމަތް ކުރި ތިން ވަނަ ގްރޫޕުގެ ކުދިންގެ މެޑިކަލް ޗެކަޕް މިހާރު ދަނީ ހަދަމުންނެވެ. އެއްވެސް ކުއްޖަކަށް ސީރިއަސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ. ހުރިހާ ކުދިންނަށް ވެސް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި ކަރަންޓީނު ކޮށްގެންނެވެ.

ހޮހަޅައިން ފުރަތަމަ ނެރުނު ހަތަރު ކުދިންނަށް މިހާރު ވަނީ އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ. ނަމަވެސް އެއީ ބިއްލޫރިގަނޑެއްގެ ބޭރުން އެ ކުދިން ދެކިލުމެވެ. ދެ ވަނަ ގްރޫޕުގެ ކުދިން އާއިލާއާ ބައްދަލު ކުރާނީ މިއަދު އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ