ނަޖީބުގެ ބޭންކް އެކައުންޓް ފްރީޒްކޮށްފި

ކުއާލަ ލަމްޕޫރު (ޖުލައި 11) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލާގައި ދައުވާކޮށްފައިވާ ނަޖީބު ވިދާޅުވީ ފްރީޒް ކުރި އެކައުންޓަށް ޖަމާވާނީ ޕާލަމެންޓުގެ މެންބަރުކަން ކުރިއިރު ލިބުނު އެލަވަންސާއި ޕަހަންގުގެ ޗީފް މިނިސްޓަރުކަމުން ލިބޭ ޕެންޝަން ކަމަށެވެ. ނަޖީބު ވިދާޅުވީ އެކައުންޓް ފްރީޒްކުރިކަން އެނގުނީ އޭނާގެ އަންހެން ދަރިފުޅުގެ މެޑިކަލް ބިލް ދައްކަން ދިން ޗެކެއް ބައުންސްވުމުން ކަމަށެވެ.

ނަޖީބު ވިދާޅުވީ އޭނާގެ އެކައުންޓް ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށެވެ. އެހެން ނޫނީ އޭނާގެ އަމިއްލަ ބިލްތަކާއި މެޑިކަލް ބިލްތައް ދައްކަން ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ސިޔާސީ މަސައްކަތާ ގުޅުމެއް ހުރި އެކައުންޓެއް ނޫން. އެއީ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރާ މައްސަލަތަކާ ގުޅުން ހުރި އެކައުންޓެއް ނޫން،" ފޭސްބުކުގައި ނަޖީބު އާއްމުކުރި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. "އަޅުގަނޑަކީ މިހާރު އާދައިގެ ރައްޔިތެއް. އާއިލާގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ކުރަން ޖެހޭ ޚަރަދުތަކެއް ހުންނާނެކަން ކަމާ ބެހޭ ފަރާތްތަކަށް އެނގެން ޖެހޭނެ."

ނަޖީބުގެ ހަތަރު ބޭފުޅުން ތިބެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ކޯޓަށް ހާޒިރު ކުރުމަށް ފަހު ނަޖީބު މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.