ހޮހަޅައިގައި ތިބި ކުދިން ވަނީ އެވްރެޖްކޮށް ދެ ކިލޯ ލުއިވެފައި

ބެންކޮކް (ޖުލައި 11) - ތައިލެންޑުގެ ހޮހަޅައިގައި 17 ދުވަސް ވަންދެން ތާށިވެފައި ތިބި ކުދިންގެ ބަރުދަނުން ވަނީ އެވްރެޖްކޮށް ދެ ކިލޯ ލުއިވެފައި ކަމަށް މެޑިކަލް އޮފިޝަލުން މިއަދު ބުނެފި އެވެ.


"އެ ކުދިންގެ މެޑިކަލް އެސެސްމަންޓް ދައްކާ ގޮތުން ހުރިހާ ކުދިންގެ ވެސް ސިއްހަތު ރަނގަޅު. އެ ކުދިން ތިބީ ސްޓްރެސްވެފައެއް ވެސް ނޫން. އެކަމަކު އެވްރެޖްކޮށް ކޮންމެ ކުއްޖެއްގެ ބަރުދަނުން ވަނީ ދެ ކިލޯ ލުއިވެފައި،" ތައިލެންޑުގެ ހެލްތު ޑިޕާޓްމަންޓުގެ އިންސްޕެކްޓާ ޑރ. ތޮންގްޗައި ލެޓްވުލައިރަޓަނަޕޮންގް ވިދާޅުވި އެވެ. "ކާނާ ނުލިބުމުން އެ ކުދިންނަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނެތް. ކާނާ ނުލިބި ވެސް ގިނަ ދުވަސްތަކެއް ވަންދެން ތިބެވިދާނެ. އެކަމަކު ފެން ނުލިބި ނުތިބެވޭނެ."

ޑޮކްޓަރު ވިދާޅުވީ ހޮހަޅައިގައި ތިބި ކުދިންގެ ކޯޗު އެކަޕޯލް ޗަންޓަވޮން އެ ކުދިން މެނޭޖްކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ބެލެވޭ ކަމަށެވެ. ޓީމެއްގެ ގޮތަށް ތިބުމުން ހުރިހާ ކުދިންގެ ޖަޒުބާތު ވެސް ކޮންޓްރޯލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ތޮންގްޗައި ވިދާޅުވީ ފުއްޕާ މޭގައި އިންފެކްޝަން ހެދިފައިވާ ދެ ކުދިންނަށް ވެސް ބޭސް ދިނުމުން މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ހޮހަޅައިން އެންމެ ފަހުން އިއްޔެ ސަލާމަތް ކުރި ކުދިންނަށް ވެސް މިހާރު ވަނީ އެންޓިބަޔޮޓިކްސް އާއި ޓެޓަނަސް ވެކްސިން ދީފަ އެވެ. އެ ކުދިންގެ ލޭގެ ސާމްޕަލް މިހާރު ވަނީ ބެންކޮށް ފޮނުވައިފަ އެވެ. އެންމެ ފުރަތަމަ ހޮހަޅައިން ނެރުނު ދެ ގްރޫޕުގެ ކުދިންގެ ޓެސްޓްތަކުގެ ނަތީޖާތައް ދައްކާ ގޮތުން މެލިއޮއިޑޮސިސް، ލެޕްޓޮސްޕިރޮސިސް، ސްކްރަބް ޓައިފަސް ނުވަތަ ނިޕާ ވައިރަސްގެ އަސަރުކޮށްފައެއް ނުވެ އެވެ.

"ހުރިހާ ކުދިންގެ ވެސް ވައިޓް ބްލަޑް ސެލްތައް މަތި ކަމަށް ފާހަގަ ކުރެވުނު. އެއީ އިންފެކްޝަނެއްގެ އަލާމާތަކަށް ވާތީ ވާނީ އެންޓިބަޔޮޓިކް ދީފައި،" ޑރ. ތޮންގްޗައި ވިދާޅުވި އެވެ.

ހޮހަޅައިން ސަލާމަތް ކުރި ކުދިން މިހާރު ތިބީ ހޮސްޕިޓަލުގައި ކަރަންޓީން ކޮށްފަ އެވެ. ފުރަތަމަ ނެރުނު ދެ ގްރޫޕުގެ ކުދިންގެ އާއިލާތަކާ ބައްދަލު ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެއީ ޕްރޮޓެކްޓިވް ހެދުމުގައި ދެ މީޓަރު ދުރުންނެވެ. އެއްވެސް ކުއްޖެއްގެ ގައިގައި އަތްލުމުގެ ފުރުސަތެއް ނޯވެ އެވެ.

ހޮހަޅައިން ނެރުނު ކުދިން ތިބޭނީ ނަފްސާނީ ގޮތުން ބިރުވެރިކަމެއްގައި ކަމަށްވާތީ ހޮހަޅައިގައި ކަންތައް ހިނގި ގޮތާ ބެހޭ ގޮތުން އެ ކުދިންނާ ސުވާލު ނުކުރަން ޑޮކްޓަރުން ވަނީ އަންގައިފަ އެވެ. އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވެނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ