ކުޑަކުޑަ އުއްމީދެއް މިވަނީ ހަގީގަތަކަށްވެފައި: ނޭވީ ސީލް

ބެންކޮކް (ޖުލައި 11) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަކީ ކުޑަކުޑަ އުއްމީދެއް ހަގީގަތަކަށްވުން ކަމަށް ތައި ނޭވީ ސީލްގެ ކޮމާންޑަރު ރިއާ އެޑްމިރަލް އާޕަކޯން ޔޫކޮންގައެ ވިދާޅުވެއްޖެ އެވެ.


"ލިބިފައި އޮތީ ވަރަށް ކުޑަކުޑަ އުއްމީދެއް. އެ އުއްމީދަށް ބަލައިގެން މަސައްކަތްކޮށްގެން މިކަން ހަގީގަތަކަށްވެ ކާމިޔާބު މި ލިބުނީ،" ބީބީސީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ހޮހަޅައިގެ ތެރޭގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރަން ތިން ދުވަސްވަންދެން ހިންގި ނުރައްކާ އަދި އުނދަގޫ އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ. ހޮހަޅައިގެ ބައެއް ދިމަދިމާ ހަނިވުމުން އޮކްސިޖަން ފުޅި ބުރަކަށީގައި އަޅުވައިގެން ޑައިވަރުން ކަނު އަނދިރީގައި ފީނަން ދަތިވުމުން އެންމެ ފަހުން ޖެހުނީ ފުޅި ނައްޓާލައިގެން، ބޮލަށް ވުރެ ކުރިއަށް ވައި ފުޅި ނެރެގެން ފީނަށެވެ. ދުވަހަކު ވެސް ޑައިވްކޮށްފައި ނުވާ އަދި ފަތަން ވެސް ނޭނގޭ ކުދިންތަކެއް ގޮވައިގެން ޑައިވަރުން ހޮހަޅައިން ނުކުތުމުން އެތައް ބައެއްގެ ތައުރީފާއި ލޯބި ވަނީ ޑައިވަރުންނަށް ލިބިފަ އެވެ. އެ މަސައްކަތުގައި ތައިލެންޑުގެ 40 ޑައިވަރުންނާއި ބޭރުގެ 50 ޑައިވަރުން އުޅުނު ކަމަށް ތައި ނޭވީ ސީލުން ބުންޏެވެ.

ހޮހަޅައިގައި ކުދިން ތިބޭތާ ނުވަ ދުވަސް ފަހުން އެ ކުދިން މި މަހު 2 ވަނަ ދުވަހުގެ ރޭ ފެނުނީ އިނގިރޭސި ދެ ޑައިވަރުންނަށެވެ. އޭގެ ފަހުން އެ ކުދިން ސަލާމަތް ކުރުމާ ހަމައަށް ހޮހަޅައިގައި އެ ކުދިންނާ އެކު ތައި ނޭވީ ސީލްގެ ތިން ޑައިވަރުންނާއި އޮސްޓްރޭލިއާގެ ޑޮކްޓަރަކު މަޑުކުރި އެވެ. ހޮހަޅައިން އެންމެ ފަހުން ނުކުތީ މި ޓީމެވެ.

ކުދިން ސަލާމަތް ކުރުމުގައި އުޅުނު ބައެއް ޑައިވަރުން ބުނެފައި ވަނީ އެހާ އުނދަގޫ މިޝަނެއް އަދި ފުރިހަމަ ނުކުރާ ކަމަށެވެ.