ހޮހަޅައިން ނެރުނު ކުދިންގެ ފޮޓޯތައް ފުރަތަމަ ފަހަރަށް އާއްމުކޮށްފި

ބެންކޮކް (ޖުލައި 11) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތިބޭތާ 17 ދުވަސް ފަހުން ސަލާމަތް ކުރި 12 ކުދިންގެ ފޮޓޯތައް ފުރަތަމަ ފަހަރަށް މިއަދު އާއްމުކޮށްފި އެވެ.

ތައި ނޭވީ ސީލުން އާއްމުކުރި ފޮޓޯތަކުގައި ހުރިހާ ކުދިން ވެސް ހޮސްޕިޓަލުގައި ތިބީ ބަލި މީހުންލާ ހެދުމުގައި ފޭސްކް މާސްކް އަޅައިގެންނެވެ. އެއް ކުއްޖަކު އިނގިލިތަކުގެ އިޝާރާތުން ކާމިޔާބުގެ ނިޝާން ދައްކާ މަންޒަރު ފެނެ އެވެ. ކުދިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި އިރު ނަރުހުން ފިޔަވައި އެހެން ބަޔަކު ވޯޑުގައި ފެންނާކަށް ނެތެވެ. ނަރުހުން ވެސް ތިބީ ފޭސްކް މާސްކް އަޅައި ޕްރޮޓެކްޓިވް ހެދުމުގަ އެވެ. ހޮސްޕިޓަލުގެ އެހެން ސްޓާފުން ވެސް އެ ކުދިންނާ ދިމާލަށް ބަލަން ތިބެނީ ބިއްލޫރި ޕާޓިޝަނުގެ ބޭރުގަ އެވެ.

ހޮހަޅައިން ނެރުނު ކުދިންނަށް ޗިއާން ރާއީ ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ: ތައި ގަވަރްމަންޓް ޕީއާރު ޑިޕާޓްމަންޓް

ސަލާމަތް ކުރި ހުރިހާ ކުދިން ހޮސްޕިޓަލްގައި ތިބި ނަމަވެސް އާއިލާތަކުން ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތެއް އަދި ނުދެ އެވެ. މެޑިކަލް ޓީމުން ބުނީ ހޮހަޅަ އިން ފުރަތަމަ ނެރުނު ދެ ގްރޫޕުގެ ކުދިންގެ ބެލެނިވެރިންނަށް އެ ކުދިން ބަލާލުމުގެ ފުރުސަތު ދިނީ ދެ މީޓަރު ދުރުން ކަމަށެވެ. އިންފެކްޝަނުގެ ނުރައްކަލުން އެ ކުދިން ސަލާމަތް ކުރުމުގެ ގޮތުން ތިބީ ޗިއާން ރާއީ ހޮސްޕިޓަލުގެ އަށް ވަނަ ބުރީގައި ކަރަންޓީނު ކޮށްފަ އެވެ.

ހޮހަޅައިން ނެރުނު ކުދިންނަށް ޗިއާން ރާއީ ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ: ތައި ގަވަރްމަންޓް ޕީއާރު ޑިޕާޓްމަންޓް

ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެ އެވެ. ނަމަވެސް ކޮންމެ ކުއްޖެއްގެ ބަރުދަނުން ވެސް އެވްރެޖްކޮށް ދެ ކިލޯވަރު ލުއިވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެންމެ ފަހުން ނެރުނު ކުދިންގެ ލޭގެ ސާމްޕަލް މިހާރު ވަނީ ބެންކޮކަށް ފޮނުވައިފަ އެވެ. ކުރިން ނެރުނު ދެ ގްރޫޕުގެ ކުދިންނަށް ނުރައްކަލެއް ދިމާވެފައި ނުވާ ކަމަށް ޓެސްޓްތަކުން ދައްކަ އެވެ.