ހަނދުގައި އިޒްރޭލުގެ ދިދައެއް ހަރު ކުރަން އުޅަނދެއް ފޮނުވަނީ

ތެލް އަވީވް (ޖުލައި 13) - އިޒްރޭލުން ހަނދަށް ފޮނުވާ އުޅަނދުގެ މައިގަނޑު އެއް ބޭނުމަކީ އިޒްރޭލުގެ ދިދައެއް ހަނދުގައި ޖެހުން ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.


މީހަކާ ނުލައި ޖައްވީ އުޅަނދެއް ހަނދަށް އުދުއްސާލުމުގެ މަސައްކަތް ކުރަނީ އިޒްރޭލުގެ އަމިއްލަ ކުންފުންޏެެއް ކަމަށްވާ ސްޕޭސް އެލް އިންނެވެ. އެމެރިކާގެ ފްލޮރިޑާގެ ކޭޕް ކެނެވާރަލް އިން ޑިސެމްބަރު މަހު ޖައްވީ އުޅަނދު އުދުއްސާލާނީ އީލޮން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން ތައްޔާރު ކުރި ފެލްކަން 9 ރޮކެޓުގައި ކަމަށް ވަނީ ހާމަކޮށްފަ އެވެ. އިޒްރޭލުގެ ޖައްވީ އުޅަނދު ހަނދަށް ތިރި ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އޭގެ ފަހުން ޖައްވީ އުޅަނދުން އިޒްރޭލުގެ ދިދައެއް ހަނދުގައި ޕްލާންޓްކޮށް އަދި ހަނދުގެ މެގްނެޓިކް ފީލްޑް ރިސާޗް ކުރާނެ އެވެ.

ސްޕޭސް އެލް އިން ޖައްވީ އުޅަނދު ތައްޔާރު ކުރަމުން ދަނީ އިޒްރޭލް ސަރުކާރުގެ ކުންފުނި އެއަރޯސްޕޭސް އިންޑަސްޓްރީޒްގެ އެއްބާރުލުމާ އެކު އެވެ. އެއަރޯސްޕޭސް އިން ބުނީ އިޒްރޭލުން މަސައްކަތް ކުރަނީ އެކަށީގެންވާ ކުޑަ ޚަރަދެއްގައި ހަނދަށް ޖައްވީ އުޅަނދެއް ފޮނުވާނެ ގޮތުގެ މަގެއް ދުނިޔެ އަށް ދައްކައިދޭން ކަމަށެވެ. މިހާތަނަށް އެ ޖައްވީ އުޅަނދަށް ވަނީ 88.5 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. މީގެ ތެރޭން ބޮޑު ބައި ދީފައި ވަނީ އެމެރިކާގައި ދިރިއުޅޭ ސައުތު އެފްރިކާ އަށް އުފަން އިޒްރޭލްގެ ބިލިއަނަރު އީލޮން މަސްކް އެވެ.

ސްޕޭސް އެލް އިން ބުނީ ހަނދުގައި މިހާތަނަށް ޖައްސާނެ އެންމެ ކުޑަ އުޅަނދަކަށް ވާނީ އެ ކުންފުނީގެ ޖައްވީ އުޅަނދު ކަމަށެވެ. އެ އުޅަނދުގެ ޑައިމީޓަރުގައި ހުންނަނީ ދެ މީޓަރު (6.6 ފޫޓު) އެވެ. އުސްމިނަކީ 1.5 މީޓަރެވެ. ބަރުދަނަކީ އުދުއްސާލާ އިރު 585 ކިލޯ އެވެ. އެ ބަރުދަނުގެ 400 ކިލޯ އަކީ ތެލެވެ. އެހެންވެ ހަނދަށް ޖައްސާއިރު ތެލުގެ ބޮޑު ބައެއް ވާނީ އަނދައިފަ އެވެ.

އިޒްރޭލްގެ މިޝަން ކާމިޔާބު ވެއްޖެ ނަމަ އެ ގައުމު ވާނީ ހަނދަށް އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ސޯވިއެޓް ޔޫނިއަން، އެމެރިކާ އަދި ޗައިނާގެ ޖައްވީ އުޅަނދުތައް ވަނީ ހަނދަށް ތިރިކޮށްފަ އެވެ. އެމެރިކާގެ އޮސްޓްރޮނޯޓް ނީލް އާމްސްޓްރޯންގް 1969 ވަނަ އަހަރު ވަނީ ހަނދުގައި ހިނގައިފަ އެވެ.