ކިމްގެ ފަރާތުން ޓްރަމްޕަށް ވަނީ "ހިތްގައިމު" ސިޓީއެއް ލިބިފައި

ވޮޝިންޓަން (ޖުލައި 13) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ފަރާތުން ލިބިފައި ވަނީ "ވަރަށް ހިތްގައިމު" ސިޓީއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ޖުލައި 6 ވަނަ ދުވަހުގެ ތާރީޚުގައި ކިމް ފޮނުއްވި ސިޓީގައި ދެ ގައުމުގެ ގުޅުމުގައި އާ ހަރުފަތަކަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ތަރައްގީވެ ދެ ވަނަ ސަމިޓަކަށް މަގު ފަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކިމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޖޫން މަހު ސިންގަޕޫރުގައި ބޭއްވި ސަމިޓުގައި މަޝްވަރާ ކުރި ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަޝްވަރާތަކަށް ސިޓީގައި އިޝާރާތް ކޮށްފައެއް ނުވެ އެވެ.

ކޮރެއާ ބަހުން ލިޔެފައިވާ ހަތަރު ޕެރެގްރާފުގެ ސިޓީގެ އިނގިރޭސި ތަރުޖަމާ ޓްރަމްޕް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

ސިންގަޕޫރު ސަމިޓުގައި ކިމް ވަނީ ކޮރެއާ ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފަ އެވެ. ބަދަލުގައި ޓްރަމްޕް ވަނީ ސައުތު ކޮރެއާގައި ކުރިއަށް ގެންދާ އެމެރިކާގެ އަސްކަރީ ތަމްރީނުތައް ހުއްޓާލަން އެއްބަސްވެވަޑައިގެންފަ އެވެ.

އަނެއްކޮޅުން އެމެރިކާ އިން ވަނީ އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ކުޑަ ލުއިގެ ނާޖާއިޒް ފައިދާ ނަގައި ނޯތު ކޮރެއާ އިން ވަގަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެމެރިކާ އިން ބުނީ ނޯތު ކޮރެއާގެ ޓޭންކަރުތައް ބޭނުންކޮށްގެން ކަނޑުމަތިން އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ ސަޕްލައި ކުރަމުން ގެންދާ ކަމަށެވެ. ނޯތު ކޮރެއާ އަށް ތެޔޮ ފޯރުކޮށް ދިނުމުގެ ވަގު ވިޔަފާރީގައި ބައިވެރިވެފައި ވަނީ ކޮން ގައުމުތަކެއްކަން އެމެރިކާ އިން ނުބުނެ އެވެ. ސަލާމަތީ މަޖިލީހުން ޑިސެމްބަރު ވަނީ ނޯތު ކޮރެއާ އަށް އަހަރަކު ފަސް ލައްކަ ފީފާގެ ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ދީފަ އެވެ.