ހަމާސްއާ ދެކޮޅަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި

ގާޒާ (ޖުލައި 15) - ގާޒާގައި 2014 ވަނަ އަހަރު ކުރި ހަނގުރާމައިގެ ފަހުން ހަމާސްއާ ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފައިވާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އިޒްރޭލުން ބުނެފައި ވަނީ މިއީ ހަމާސް އިން ދޭ ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފަން ދިން މިސައިލް ހަމަލާތަކެއް ކަމަށެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފައި ވަނީ އިޒްރޭލުން ގާޒާ ސިޓީ އަށް ދިން ހަމަލާތަކުގައި ދެ މީހުން ޝަހީދުވެ 12 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އިޒްރޭލުން ވަނީ 90 އަށް ވުރެ ގިނަ މިސައިލް ފޮނުވާލައިފަ އެވެ.

އިޒްރޭލްގެ އެއާ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ ހަމަލާދީފައި ވަނީ ހަމާސްގެ ހެޑްކްއާޓަރުތަކަށާއި ޓްރޭނިން ކޭމްޕްތަކަށާ އަދި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ހަމާސްއާ ދެކޮޅަށް އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށެވެ.

ގާޒާ ބޯޑަރުގައި ފަލަސްތީނުން ދާދި ފަހުން ފެށި އިހްތިޖާޖާ ދެކޮޅަށް އިޒްރޭލުން ދިން ހަމަލާތަކުގައި 130 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 15،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.