ހޮސްޕިޓަލްގައި ތިބި ކުދިންނަށް މިރޭ ވޯލްޑް ކަޕް ނުދައްކާނެ

ބެންކޮކް (ޖުލައި 15) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ސަލާމަތް ކުރި ކުދިންނަށް ވޯލްޑް ކަޕުގެ ފައިނަލް މެޗު މިރޭ ނުދައްކާނެ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.


ޗިއާން ރާއީ ހޮސްޕިޓަލުން ބުނީ ވޯލްޑް ކަޕް ފައިނަލް މެޗު ލައިވްކޮށް މިރޭ އެ ކުދިންނަށް ނުދެއްކި ނަމަވެސް ފައިނަލް މެޗުގެ ރެކޯޑިން ފަހުން ދައްކާނެ ކަމަށެވެ.

"ޑޮކްޓަރުން ބޭނުން ވަނީ އެ ކުދިން އަދިވެސް ރެސްޓް ކުރަން. އަދި ސްކްރީނަށް އެހާ ގިނަ އިރު ބަލަން ތިބުން ރަނގަޅު ނޫން ކަމަށް އަންގާފައި ވަނީ،" ޗިއާން ރާއީ ހޮސްޕިޓަލުގެ އޮފިޝަލަކު ބުންޏެވެ.

ފްރާންސާއި ކްރޮއޭޝިއާ މިރޭ ކުޅޭ ފައިނަލް މެޗު ބަލަން ދިއުމަށް އެ ކުދިންނަށާއި ކޯޗަށް ފީފާގެ ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކޮށް ނުލާތީ އެ ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިހާރު ވަނީ އޯލްޑް ޓްރެފޯޑަށް 12 ކުދިންނާއި ކޯޗު ދިއުމަށް ދައުވަތު ދީފަ އެވެ. އަދި ލަ ލީގާ އިން ވަނީ ސްޕޭން ލީގުގެ މެޗެއް ބަލަން ދިއުމަށް އެ ކުދިންނަށް ދައުވަތު ދީފަ އެވެ.