މަރުވި ޑައިވަރަށްޓަކައި 12 ކުދިންނާއި ކޯޗު ކަރުނަ އަޅައިފި

ބެންކޮކް (ޖުލައި 16) - ބައިނަލްއަގުވާމީ ތަޖްރިބާކާރުންގެ ޓީމަކުން ކުރި ބުރަ އަދި އުނދަގޫ މަސައްކަތްތަކަކަށް ފަހު ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ސަލާމަތް ކުރި 12 ކުދިން، އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަމިއްލަ އަށް ވޮލަންޓިއާކޮށް، އެހީތެރިވެދޭން އުޅެނިކޮށް މަރުވި ތައި ނޭވީ ސީލްގެ ކުރީގެ ޑައިވަރު ސަމަން ގުނާން އަށް ޓަކައި ހިތާމަކޮށް ކަރުނަ އަޅައިފި އެވެ.


އުމުރުން 38 އަހަރުގެ ޑައިވަރު މި މަހު 6 ވަނަ ދުވަހު މަރުވީ ހޮހަޅައިގައި ތިބި ކުދިންނަށް އޮކްސިޖަން ފުޅިތައް ފޯރުކޮށްދިނުމަށް ފަހު އެނބުރި ހޮހަޅައިން ނުކުންނަން ދިޔަ މަގުމަތީގައި އޮކްސިޖަން ހުސްވެ ހާސްވެގެންނެވެ. އެއީ ބަތަލެއް ކަމަށް ބުނެ މުޅި ދުނިޔޭގައި ވެސް އޭނާ އަށް ދަނީ ތައުރީފް ކުރަމުންނެވެ.

ކުދިން ސަލާމަތް ކުރުމުގައި އުޅުނު ޑައިވަރަކު މަރުވި ޚަބަރު ދިނުމާ އެކު އެ ކުދިން ރޮނީ. --ފޮޓޯ: ތައިލެންޑް ހެލްތު މިނިސްޓްރީ

ޑައިވަރު މަރުވި ވާހަކަ ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗު ގާތު ބުނީ ހޮނިހިރު ދުވަހު އެވެ. ޑޮކްޓަރުން ބުނީ އެ ކުދިންނަށް އެ ޚަބރު ދިނީ ނަފްސާނީ ގޮތުން އެ މީހުން ހަމައަކަށް އެޅުމުން ކަމަށެވެ.

"އެ ޚަބަރު ދިނުމާ އެކު ހުރިހާ ކުދިން ވެސް ވަރަށް ދެރަވެ، ރޮމުން ދިޔަ. ލެފްޓިނެންޓް ކޮމާންޑަރު ސަމަންގެ ތަސްވީރެއްގައި ތައުޒިޔާގެ މެސެޖްތައް ހުރިހާ ކުދިން ވެސް ލިޔުނު. އަދި ހުރިހާ ކުދިން ވަނީ އެއް މިނިޓުގެ ސްކޫތެއް ގެނެސްފައި،" ތައިލެންޑުގެ ހެލްތު މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޖެޑްސަޑާ ޗޮކްޑަމްރޮންގްސަކް ވިދާޅުވި އެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރަން އުޅެނިކޮށް މަރުވި ޑައިވަރުގެ ފޮޓޯއެއް ހިފައިގެން، 12 ކުދިންނާއި ކޯޗު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ތައިލެންޑް ހެލްތު މިނިސްޓްރީ

މަރުވި ޑައިވަރުގެ ފޮޓޯއެއްގެ ކައިރީ ހުރިހާ ކުދިން ތިބި މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހުރިހާ ކުދިން ވެސް ވަނީ ސަމަން ކޮށްދިން މަސައްކަތް ބަލައިގަނެ ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ. އަދި އެ ކުދިންނަކީ ރަނގަޅު ކުދިންތަކަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހޮހަޅައިން ސަލާމަތް ކުރި ކުދިން، މަރުވި ޑައިވަރުގެ ފޮޓޯގައި މެސެޖްތައް ލިޔަނީ. --ފޮޓޯ: ތައިލެންޑް ހެލްތު މިނިސްޓްރީ

ތަމް ލުއާން ހޮހަޅަ އަށް އުމުރުން 11-17 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ހޮހަޅައިގައި ތިބޭތާ ނުވަ ދުވަސް ފަހުން، އިނގިރޭސި ވިލާތުގެ ޑައިވަރުން އެ މީހުން ހޯދީ މި މަހު 2 ވަނަ ދުވަހު އެވެ. ތިން ދުވަހުގެ އޮޕަރޭޝަނަކަށް ފަހު ހުރިހާ ކުދިންނާއި ކޯޗު ސަލާމަތުން ހޮހަޅައިން ނެރެ އޮޕަރޭޝަން ނިންމާލީ 10 ވަނަ ދުވަހު އެވެ. ޗިއާން ރާއީ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ ކުދިން އަންނަ ބުރާސްތި ދުވަހު ދޫކޮށްލާނެ އެވެ.