ހޮހަޅައިން ސަލާމަތް ކުރި ތިން ކުއްޖެއްގެ ގައުމެއް ނެތް

ބެންކޮކް (ޖުލައި 16) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ސަލާމަތް ކުރި ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ 12 ކުދިންގެ ތެރޭން ދެ ކުއްޖަކާއި އެ ޓީމުގެ ކޯޗަކީ އެއްވެސް ގައުމަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ނަމަވެސް އެ ތިން މީހުންނަށް ތައިލެންޑުން ރައްވެހިކަން ދޭން ވަނީ ނިންމައިފަ އެވެ. ތައިލެންޑުގެ އިންޓީރިއާ މިނިސްޓްރީ އާއި ޗިލްރެން އެންޑް ޔޫތު ޑިޕާޓްމަންޓުން ބުނީ ކޯޗު އެކަޕޯލް ޗަންޓަވޮން އާއި ދެ ކުދިން ކަމަށްވާ ޕޯންޗައި ކަމްލުއާން އަދި އަދުލް ސަމޮން އަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތައިލެންޑުގެ ރައްވެހިކަން ހަމަޖެހިގެންދާނެ ކަމަށެވެ. އެއްވެސް ގައުމަކަށް ނިސްބަތް ނުވާ 500،000 މީހުން ތައިލެންޑުގައި ދިރިއުޅެ އެވެ.

ގައުމަކަށް ނިސްބަތް ނުވާ މީހުން ގިނައިން ދިރިއުޅެނީ ތައިލެންޑުގެ ބޯޑަރު ސަރަހައްދުތަކުގަ އެވެ. ތައިލެންޑުގައި އުޅޭ ގައުމަކަށް ނިސްބަތް ނުވާ މީހުން ވަނީ އެތައް ހައްގަކުން މަހްރޫވެފަ އެވެ. އޭގެ ތެރޭގައި ގައުމުން ބޭރަށް ދަތުރު ކުރުމާއި މަތީ ތައުލީމް ހާސިލް ކުރުން ފަދަ ކަންކަން ހިމެނެ އެވެ. ގައުމަކަށް ނިސްބަތް ނުވެ ތައިލެންޑުގައި އުޅޭ މީހުން ވަކި ޝަރުތުތަކެއް ހަމަވުމުން ތައިލެންޑުގެ ރަށްވެހިކަމަށް އެދި ހުށަހެޅެ އެވެ. މި ގޮތަށް ހުށަހަޅާ މީހުން ވެސް ރަށްވެހިކަން ހޯދަން ބައެއް ފަހަރު 10 އަހަރުގެ އިންތިޒާރެއް ކުރަން ޖެހެ އެވެ.

ދެ ކުދިންނާއި ކޯޗަށް ރަށްވެހިކަން ލިބިގެން ނޫނީ ބޭރު ގައުމުތަކުން ލިބިފައިވާ ދައުވަތުގެ ބޭނުން އެ މީހުންނަކަށް ނުކުރެވޭނެ އެވެ. ހޮހަޅައިން ނެރުނު ކުދިން އޯލްޑް ޓްރެފޯޑަށް ޒިޔާރަތް ކުރަން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ދައުވަތު ދީފަ އެވެ. އަދި ސްޕޭން ލީގުގެ މެޗެއް ބަލަން ލަ ލީގާ އިން ވެސް ވަނީ ދައުވަތު ދީފަ އެވެ.