ހޮހަޅައިން ނެރުނު ކުދިން ހޮސްޕިޓަލުން މިއަދު ދޫކޮށްލާނެ

ބެންކޮކް (ޖުލައި 18) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ނެރުނު 12 ކުދިންނާއި ކޯޗު މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށާ އަދި ފުރަތަމަ ފަހަރަށް އެ ކުދިން މީޑިއާއާ ވާހަކަ ދައްކާނެ ކަމަށް ތައިލެންޑް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.


"ވައިލްޑް ބޯސް" ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ދޫކޮށްލަން ކުރިން ހަމަޖެއްސީ މާދަމާ އެވެ. ނަމަވެސް އެއް ދުވަސް ކުރިން ދޫކޮށްލަނީ ޑޮކްޓަރުން ބުނި ގޮތުގައި މީޑިއާ އިން ކުރާ ސުވާލުތަކަށް ވެސް އެ ކުދިންނަށް ޖަވާބު ދެވޭ ވަރަށް ސިއްހީ ހާލަތު ތަން ދީފައިވާތީ ކަމަށެވެ.

"އެ ކުދިން މިއަދު ގެއަށް ދިއުމުގެ ކުރިން ނޫސް ކޮންފަރެންސްއެއްގައި ބައިވެރިވާނެ. އެއީ އެ ކުދިން ގެއަށް ދިއުމަށް ފަހު މީޑިއާ އިން ކުރިމަތި ކުރާނެ ޕްރެޝަރުން ސަލާމަތްވުމަށް،" ސަރުކާރުގެ ތަރުޖަމާން ސަންސާން ކައެވްކުމްނާޑް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ޗިއާން ރާއީ ޕްރޮވިންސްގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ވަނީ ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރިން ހޯދައިފަ އެވެ. އަދި އެ ސުވާލުތައް މިހާރު ވަނީ ސައިކޭޓްރިސްޓުން ސްކްރީން ކުރަން ފޮނުވައިފަ އެވެ.

ހޮހަޅައިން ސަލާމަތް ކުރި ކުދިން ޗިއާން ރާއީ ހޮސްޕިޓަލްގައި. --ފޮޓޯ:އޭއެފްޕީ

ސަންސާން ވިދާޅުވީ ހޮހަޅައިން ނެރުނު ކުދިންގެ މީޑިއާ ސެޝަން ކުރިއަށް ދާނީ 45 މިނިޓަށް ކަމަށެވެ. އަދި ބައްދަލުވުން ކުރިއަށް ދާނީ މޮޑަރޭޓަރަކާ އެކު ވަރަށް ނުރަސްމީކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރެސް ކޮންފަރެންސް ނިމޭ ގޮތަށް ހުރިހާ ކުދިން ވެސް ވަގުތުން ގެއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ތައިލެންޑުގެ ބޮޑު ވަޒީރު މިއަދު ވަނީ އެ ކުދިންނާ ބޭކާރު ސުވާލު މީޑިއާތަކުން ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ޑޮކްޓަރުން ވަނީ އެ ކުދިން ގެއަށް ދޫކޮށްލި ނަމަވެސް މަހެއްހާ ދުވަސް ފަހުން ނޫނީ އެއްވެސް ނޫސްވެރިއަކާ ބައްދަލު ނުކުރަން ބެލެނިވެރިންނަށް އަންގައިފަ އެވެ.

ފުޓުބޯޅަ ޓީމުގެ 11-17 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހަޅައިގައި ތާށިވީ ޖޫން 23 ވަނަ ދުވަހު އެވެ. ނުވަ ދުވަސް ފަހުން އެ މީހުން ފެނުނީ މި މަހު 2 ވަނަ ދުވަހުގެ ރެ އެވެ. އަދި ތިން ދުވަހުގެ އޮޕަރޭޝަނަކަށް ފަހު އެންމެން ހޮހަޅައިން ނެރެފައި ވަނީ ޖުލައި 10 ވަނަ ދުވަހު އެވެ.