ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން އިޒްރޭލުން ހުއްޓާލައިފި

ގާޒާ (ޖުލައި 18) - ފަލަސްތީނުގެ ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން އިޒްރޭލުން ހުއްޓުވައިފި އެވެ.


ގާޒާ ސްޓްރިޕަށް ކާގޯ ގެންދެވެން އޮންނަ މަގު ކަމަށްވާ ކެރެމް ޝަލޮމް އިން ތެޔޮ ގެންދިއުން އާދިއްތަ ދުވަހުގެ ނިޔަލަށް ހުއްޓުވައިފައިވީ ނަމަވެސް ކާނާ އާއި ބޭސް ގެންދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ވިދާޅުވީ ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން ހުއްޓުވީ ހަމާސް ޖަމާއަތުން ދޭ ހަމަލާތަކަށް ދޭ ރައްދެއްގެ ގޮތުން ކަމަށެވެ. ގާޒާގެ ކޮންޓްރޯލް އޮންނަ ހަމާސް އިން ވަނީ އިޒްރޭލުން ކުރަމުންދާ ކަންކަމުގެ ހިތި ރަހަ ދެކޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި އެއީ އިޒްރޭލުން ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށް ވަނީ ބުނެފަ އެވެ.

އިޒްރޭލުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ގާޒާގައިވާ ހަމާސްގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލުން ބުނީ އެއީ 2014 ވަނަ އަހަރުގެ ގާޒާ ހަނގުރާމަ އަށް ފަހު ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށެވެ. އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ ދެ މީހުން ޝަހީދުވެ 14 މީހުން ޒަޚަމްވެފަ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ގުޑި އާއި ފުއްޕާހަމުގައި އޮލިފާން ބޯޅަ ހަރުކޮށްގެން ފަލަސްތީނުން ދޭ ހަމަލާތައް ނުހުއްޓައިފި ނަމަ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށެވެ. ގުޑީގައި އަލިފާން ބޯޅަ ހަރުކޮށްގެން ދޭ ހަމަލާތަކުގައި އިޒްރޭލުގެ ދެކުނުން 2،830 ހެކްޓަރު (7،000 އޭކަރު) ގެ ސަރަހައްދެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. އިޒްރޭލުގެ އޮފިޝަލުން ބުނެފައި ވަނީ އަލިފާން ރޯވުމުގެ ސަބަބުން ދަނޑުތައް ހަލާކުވެ އެތައް ހާސް ޑޮލަރެއްގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އަލިފާން ބޯޅައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ ގާޒާ ބޯޑަރުގައި ފަލަސްތީނުން މެއި މަހު ފެށި އިހްތިޖާޖްގަ އެވެ. ފަލަސްތީނުން ކުރިއަށް ގެންދިޔަ އިހްތިޖާޖް ހުއްޓުވަން އިޒްރޭލުން ދިން ހަމަލާތަކުގައި 130 މީހުން ޝަހީދުވެ 15،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.