ދެ އަހަރަށް ފަހު ތުރުކީގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް

އަންކަރާ (ޖުލައި 19) - ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު މީގެ ދެ އަހަރު ކުރިން އެ ގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ނިމުމަކަށް ގެނެސްފި އެވެ.


ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތުރުކީގައި ވަނީ އެތައް ހާސް ބަޔަކު ހައްޔަރުކޮށް އަދި އެތައް ހާސް ބަޔަކު ވަޒީފާ އިން ވަކިކޮށްފަ އެވެ. ތުރުކީން ދިޔައީ ކޮންމެ ތިން މަހަކުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަމުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި މި ވަނީ ރައީސްކަމުގެ އާ ދައުރުގެ ހުވާ ރަޖަބް ތައްޔިބު އުރުދުޣާން ކުރެއްވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅު ކެންޑިޑޭޓުން އެންމެ ބޮޑަށް ވިދާޅުވި ވާހަކަ އަކީ ވެރިކަން ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުން ކަމަށެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ވަނީ 107،000 މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި 50،000 އަށް ވުރެ ގިނަ މީހުން ވަނީ ޖަލަށް ލައިފަ އެވެ. ވަޒީފާ އިން ވަކި ކުރި ގިނަ މީހުންނަކީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ އިދިކޮޅު ބޭފުޅެއް ކަމަށްވާ ފަތުހުﷲ ގުލަން އަށް ތާއިދު ކުރާ މީހުން ކަމަށްވެ އެވެ.

ތުރުކީ އަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތުގައި ވަނީ 250 މީހުން މަރުވެފަ އެވެ.