އިޒްރޭލަކީ ޔަހޫދީންގެ ދައުލަތެއް ކަމަށް ފާސްކޮށްފި

ތެލް އަވީވް (ޖުލައި 19) - އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް އެ ގައުމުގެ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.


"ޔަހޫދީ ގައުމުގެ ދައުލަތުގެ" ނަމުގައި ފާސްކުރި ބިލުގައި އަރަބި ބަހުގެ ބަދަލުގައި އިޒްރޭލުގެ ރަސްމީ ބަހަކީ ހިބްރޫ ކަމަށް ބުނެފައިވެ އެވެ. ބިލުގައި ކަނޑައަޅާފައިވާ ގޮތުން އިޒްރޭލުގެ ވެރިރަށަކަށް ވާނީ ގުދުސް އެވެ. އަދި ޔަހޫދީ އާބާދީތައް އިތުރު ކުރުމަކީ ގައުމީ މަސްލަހަތުގައި ކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އިޒްރޭލް ޕާލަމެންޓުގައި ތިބޭ އިޒްރޭލީ އަރަބިން ވަނީ ބިލާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. ބިލް ސްޕޮންސާކޮށްފައި ވަނީ އިޒްރޭލުގެ ކަނާތު ފިޔައިގެ ޕާޓީތަކުންނެވެ.

ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ބިލް ފާސްކުރުމަކީ ތާރީޚީ ކާމިޔާބެއް ކަމަށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ

ބިލް ފާސްކޮށްފައި ވަނީ އިޒްރޭލް ޕާލަމެންޓުގައި ހޫނުގަދަ ބައްދަލުވުމަކަށް ފަހު އެވެ. އަށް ގަޑިއިރުގެ ބަހުސަކަށް ފަހު ބިލް ފާސްކޮށްފައި ވަނީ 62-55 ވޯޓުންނެވެ. އިޒްރޭލުގެ ރައީސް އާއި އެޓާނީ ޖެނެރަލް ދެކޮޅު ހެދުމުން ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގައި އޮންނަން ޖެހޭނީ ހަމައެކަނި ޔަހޫދީ ކޮމިއުނިޓީއެއް ކަމަށް ބުނާ މާއްދާ ހިމެނެ އެވެ.

އިޒްރޭލްގެ ނުވަ މިލިއަން މީހުންގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ އަރަބި އިޒްރޭލްގެ އާބާދީ 20 ޕަސެންޓް ނުވަތަ 1.8 މިލިއަނަށް އަރަ އެވެ. ގާނޫނުތަކުގެ ދަށުން އެ މީހުންނަށް ވެސް އިޒްރޭލުގެ ރައްޔިތުންނަށް ލިބޭ ހުރިހާ ހައްގުތަކެއް ލިބެ އެވެ. ނަމަވެސް އެ މީހުންނާ މެދު ކަންތައް ކުރަމުން އަންނަނީ ދެ ވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގަ އެވެ.

އިޒްރޭލް ޕާލަމެންޓުގައި ހިމެނޭ އަރަބި މެންބަރެއް ކަމަށްވާ އަހުމަދު ތީބީ ބުނީ ބިލް ފާސްކުރުމަކީ "ޑިމޮކްރެސީ މަރާލުން" ކަމަށެވެ.