ދުނިޔޭގައި ނަސްލީ ތަފާތު ކުރުން އެންމެ ބޮޑު ގައުމަކީ އިޒްރޭލް:އުރުދުޣާން

އަންކަރާ (ޖުލައި 24) - ދުނިޔޭގައި އޮތް ނަސްލީ ތަފާތު ކުރުން އެންމެ ބޮޑު ގައުމަކީ އިޒްރޭލް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.


އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކުރުމާ ގުޅިގެންނެވެ.

"އިޒްރޭލުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުން އެއްވެސް ޝައްކެއް ނެތި ދޭހަވަނީ ދުނިޔޭގައި އޮތް ނަސްލީ ތަފާތު ކުރުން އެންމެ ބޮޑު ގައުމަކީ އިޒްރޭލްކަން،" ވެރިކަން ކުރާ ޕާޓީގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ހިޓްލަރުގެ އަނިޔާވެރި ކަމާއި އިޒްރޭލުން މިހާރު ގެންގުޅޭ ސިޔާސަތާ ތަފާތެއް ނެތް ކަމަށެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ވަނީ ގާތްގަނޑަކަށް ހަ މިލިއަން ޔަހޫދީން މަރައިފަ އެވެ.

އުރުދުޣާން ފާހަގަ ކުރެވެނީ ފަލަސްތީން މައްސަލާގައި އެ ގައުމާ އެއްކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ. އަދި އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ކަނޑައެޅުމާ ގުޅިގެން އެކަމާ ދެކޮޅު ހަދަން އުރުދުޣާން އިސްވެ ވަނީ މުސްލިމް ގައުމުތަކުގެ ސަމިޓެއް ބާއްވައިފަ އެވެ.

"ޔަހޫދީ ގައުމުގެ ދައުލަތުގެ" ނަމުގައި އިޒްރޭލުގެ ޕާލަމެންޓުން ފާސްކުރި ބިލުގައި އަރަބި ބަހުގެ ބަދަލުގައި އިޒްރޭލުގެ ރަސްމީ ބަހަކީ ހިބްރޫ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ބިލުގައި ކަނޑައަޅާފައިވާ ގޮތުން އިޒްރޭލުގެ ވެރިރަށަކަށް ވާނީ ގުދުސް އެވެ.