ސީރިއާގެ ހަނގުރާމަ މަތީ ބޯޓެއް އިޒްރޭލުން ވައްޓާލައިފި

ދިމިޝްގު (ޖުލައި 25) - އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަން ސީރިއާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.


އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ ސުޚޮއި ހަނގުރާމަ މަތީ ބޯޓަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. އިޒްރޭލުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސީރިއާގެ ބޯޓު ވައްޓާލީ ގޯލާން ހެއިޓްސް ނުވަތަ އުސްބިންތަކުގައި އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދުން ކަމަށެވެ. ސީރިއާގެ ބޯޓުގެ ޕައިލެޓަށްވީ ގޮތެއް އަދި ނޭނގެ އެވެ.

ސީރިއާގެ ރަސްމީ ނިއުސް އެޖެންސީން ސަނާ އިން ބުނީ ހަނގުރާމަ މަތީ ބޯޓަށް ހަމަލާ ދިނީ ސީރިއާގެ ވައިގެ ސަރަހައްދުން ކަމަށެވެ. އެ ބޯޓަށް ހަމަލާ އެރި ކަމަށް ބުނެފައެއް ނުވެ އެވެ. ސަނާ އިން ބުނީ ސީރިއާގެ ބޯޓުން ހަމަލާ ދިނީ ދެކުނުގެ ޔަރްމޫކް ވާދީގައި ތިބި ޓެރަރިސްޓް ގްރޫޕްތަކަށް ހަމަލާ ދޭން އުޅެނިކޮށް ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ ސީރިއާގެ ބޯޓަށް ހަމަލާ ދިނީ ޕެޓްރިއޮޓް މިސައިލުން ކަމަށް. --ފޮޓޯ:އޭއެފްޕީ

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ 1974 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމާ ސީރިއާ އިން ޚިލާފުވެފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ވަނީ ގޯލާން ހެއިޓްސްގައި ދެ ފަރާތުގެ ސިފައިން ތިބެން ޖެހޭ ރޮނގު ވަކިކޮށްފަ އެވެ.

"އިޒްރޭލުގެ ސަރަހައްދަށް ވަނުން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭނެ. އިޒްރޭލް ސިފައިން ވަގުތުން ރައްދު ދޭނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒްރޭލުން ގަބޫލް ކުރަނީ ގޯލާން ހެއިޓްސްގެ ހިފާފައިވާ ބިންތަކާއި ގޯލާން ހެއިޓްސްގެ ވައިގެ ސަރަހައްދަކީ އިޒްރޭލުގެ ސަރައްދުގެ ގޮތުގަ އެވެ. އިޒްރޭލުން އެ ސަރަހައްދަށް ވެރިވެ ގަތީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ސީދާ ގޮތުން އިޒްރޭލުން ބައިވެރިނުވި ނަމަވެސް މިއީ 2014 ވަނަ އަަހަރުގެ ފަހުން ސީރިއާގެ ބޯޓެއް އިޒްރޭލުން ވައްޓާލި ފުރަތަމަ ފަހަރެވެ.