ޗައިނާގެ މެރިޓައިމް ސިލްކް ރޯޑުގައި ލަންކާ އަކީ މުހިންމު ގައުމެއް: ސަފީރު

ކޮލަމްބޯ (ޖުލައި 29) - ޗައިނާގެ މެރިޓައިމް ސިލްކް ރޯޑުގައި ސްރީ ލަންކާ އަކީ މުހިންމު ބައިވެރިއެއް ކަމަށް ޗައިނާ ސަފީރު ޗެން ޒުއެޔުއަން ވިދާޅުވެއްޖެ އެވެ.


ސަފީރު ސޮއިކުރައްވައި، ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ހަމްބަންޓޯޓާ ބަނދަރާއި ކޮލަމްބޯ ޕޯޓް ސިޓީ އަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ދެ ގައުމުގެ ގުޅުމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދެ މަޝްރޫއު ކަމަށެވެ.

"ޗައިނާ ސަރުކާރުގެ އިސްނެގުމާ އެކު ކުރިއަށް ގެންދާ ބީއާރުއައި އަކީ ދުނިޔޭގައި މިނިވަން ވިޔަފާރި ފުޅާކޮށް، ދުނިޔޭގެ އިގްތިސާދު ހުޅުވާލަން ކުރާ މަސައްކަތެއް،" ލަންކާ އަށް ކަނޑައަޅާފައި ހުންނަ ޗައިނާ ސަފީރާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.

އޭނާ ވިދާޅުވީ ލަންކާގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމުގައި އެހީވުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާ އިން ފުރަތަމަ ފަހަރަށް ބާއްވާ ޗައިނާ އިންޓަނޭޝަނަލް އިމްޕޯޓް އެކްސްޕޯގައި ލަންކާ އިން ބައިވެރިވާނެ ކަމަށާއި އެއީ ލަންކާގެ ރަބަރާއި ސައިފަތާއި ޖަވާހިރުގެ ވިޔަފާރި ޗައިނާގެ ބޮޑު މާކެޓަށް ހުޅުވާލަން ލިބޭ ފުރުސަތެއް ކަމަށެވެ. ނޮވެމްބަރު މަހު ބާއްވާ އެ އިވެންޓް އޮންނާނީ ޝެންހާއީގަ އެވެ.