އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް ފާސްކުރުމުން ޕާލަމެންޓް މެންބަރަކު އިސްތިއުފާދީފި

ތެލް އަވީވް (ޖުލައި 29) - އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން ޕާލަމެންޓުގެ އަރަބި ދަރިކޮޅުގެ މެންބަރަކު އިސްތިއުފާ ދީފި އެވެ.


ޒުހައިރު ބަހްލޫލް، 67، ސިފަ ކުރި ގޮތުގައި އިޒްރޭލުގެ ޕާލަމެންޓަކީ ނަސްލީ ތައައްސަބުން ފުރިފައިވާ ފަނާކުރަނިވި ތަނެއް ކަމަށެވެ.

އިޒްރޭލުގެ ޓީވީއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި މަހު 19 ވަނަ ދުވަހު ފާސްކުރި ގާނޫނުގެ ސަބަބުން އިޒްރޭލުގައި އަރަބިންނަށް އެތައް ހައްގެއް ގެއްލި އަރަބިންނާ މެދު ތަފާތު ކުރާނެ ކަމަށެވެ. އިޒްރޭލުގެ ރަސްމީ ބަހެއްގެ ގޮތުގައި އަރަބި ބަސް ކުރިން އޮތް ނަމަވެސް އާ ގާނޫނުގައި އަރަބި ބަހަށް ދީފައި ވަނީ ދެ ވަނަ ދަރަޖަ އެވެ. އަދި އިޒްރޭލުގެ ރަސްމީ ބަހަކީ ހިބްރޫ ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ގާނޫނާ މެދު ނުރުހުން ފާޅު ކުރަން އިޒްރޭލުގެ ޕާލަމެންޓުގައި ހިމެނޭ އަރަބި މެންބަރުން ވަނީ ބިލްގެ ކޮޕީތައް ވީދައި ޗެމްބަރުގައި އަޑުގަދަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ބައެއް މެންބަރުން ވަނީ ޕާލަމެންޓުން ނެރެފަ އެވެ.

އިޒްރޭލުގެ އާބާދީގެ 20 ޕަސެންޓަކީ އަރަބިންނެވެ.